އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ތެރޭގައި، އައްޑޫ ސިޓީގެ އުފެއްދުންތެރިކަން ދެގުނަ ކޮށްދެއްވާނެކަމަށް، ރައީސް ނަޝީދު ވިދާޅުވެއްޖެ

އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ތެރޭގައި، އައްޑޫ ސިޓީގެ އުފެއްދުންތެރިކަން ދެގުނަ ކޮށްދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، “އެމްޑީޕީ އެއްބުރުން” މިނަމުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޤައުމީ ފެންވަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ތެރޭގައި ވަޒީފާއެއް ނުލިބިވާ ހަމަ އެކަކުވެސް އައްޑޫ ސިޓީގައި ނުހުންނާނެކަމަށެވެ. އަދި ގަމުގެ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހަދަންޖެހޭ ކަމަށާއި އެ މަސައްކަތް އަޅުގަނޑުމެން ބާރަށް ކޮށް ނިންމައިދީ އެ ބަނދަރަށް ރާއްޖޭއިން ބޭރުގެ ފްލައިޓްތައް ޖެއްސޭނެ ސިޔާސަތުތައް ތަންފީޒްކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ކުރިއަށް އޮތް އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ތެރޭގައި އައްޑޫ ސިޓީގައި 3000 ޓުއަރިސްޓް އެނދު ތަރައްޤީ ކޮށްދެއްވާނެކަމަށާއި، އަދި އައްޑޫ ސިޓީއަކީ ފަތުރުވެރިން އަބަދުމެ އައިސްގޮސްވާ، މުޅިން ތަރައްޤީވެފައިވާ ސިޓީއަކަށް ބަދަލުކޮށްދެއްވާނެކަމަށެވެ

އިއްތިހާދު ހަދައިގެން ވެރިކަމުގެ ބާރުތައް ފޮތިފޮތިކޮށް ބަހާލުމަށް ވާދަވެރި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ރޭގެ ވާހަކަފުޅުގައިވެސް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ބޮޑުވެގެންވާ އިއްތިހާދު ހަދައިގެން ނުކުތަސް އިރާދަފުޅާއެކު އެމްޑީޕީއިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުންކަމަށެވެ. އަދި އަޅުގަނޑުމެން އިއްތިހާދު ވާނީ ރައްޔިތުންނާކަމަށާއި އަދި އަޅުގަނޑުމެން އެ ރައްޔިތުންނާ ވާހަކަދައްކާ، ހާލު އަހުވާލު ބަލައި އަދި އެ ރައްޔިތުންގެ އުންމީދުތައް އޮޅުންފިލުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އަޅުގަނޑުމެންނަށް އެނގޭ ކަމަށާއި، މިރާއްޖެ ތަރައްޤީކުރާނެ ގޮތް ދިވެހިރައްޔުތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ވާރަށް ސާފުކޮށް އެނގޭކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ. މިރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކަކީ، ވެރިކަމުގެ މަޤާމުތައް ބަހާލުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތަކަކީ ބޯހިޔާވަހިކަމެއް ނުވަތަ ބޭސްފަރުވާކުރެވޭނެ ގޮތެއް ހޯދުންކަމަށެވެ

ބޮޑުވެގެންވާ އިއްތިހާދު ހައްދަވައިގެން، އެމްޑީޕީގެ ވެރިކަން ބަޣާވާތްކުރެއްވުމަށް ފަހު، އެ ބޭފުޅުން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ، ބައިނަލްއަޤްވާމީ ފަރާތްތަކާ މޫނުކެނޑުންކަމަށާއި، މިއަދު ދިވެހިރައްޔިތުންނަށް ޖެހިފައިވާ ހުރިހާވެސް ގިލަންވެރިކަމުގެ އަޞްލަކީ އެއީ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މިއަދު އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް، އިންޑިޔާއަށް ބޭސްފަރުވާއަކަށް ނުދެވިގެން ނުވަތަ ރަށުގައި ޑޮކްޓަރަކު ނެތިގެން އުޅޭ ރައްޔިތަކާ ބައްދަލުވެވަޑައިގަންނަވާ ކަމަށާއި، އެކަމުގެ ސަބަބަކީ މިހާރު ވެރިކަމަށް އަތްގަދަކުރައްވައިގެން ތިއްބެވި ބޭފުޅުން އިއްޑިޔާއާއި ޒުވާބުކުރެއްވުމުގެ ނަތީޖާކަމުގައި ރައީސް ވިދާޅުވިއެވެ

ޤައުމެއް ފަސާދަކޮށް، ހަލާކުކޮށް ޚަރާބުގެ މަގަށް ގެންދާތަން އިންސާނީ ހަޔާތުގައިވެސް ފެންނާނީ މަދު ފަހަރެއްގައިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިރާއްޖެއިން މިއަދު ފެންނަނީ އެމަންޒަރުކަމަށެވެ. އެގޮތުން އަތުގައި ހުރި ބޭރު ފައިސާކޮޅު ހުސްވެ، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެއަށް އިންޑިޔާއިން ހިލައާއި ހިލަވެލި ލިބެމުންނުދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކިތަންމެ ވަރަކަށް ކޮންޓްރެކްޓްތަކުގައި ސޮއެކުރި ނަމަވެސް، ހިލައާއި ހިލަވެއްޔާ ނުލައި ހެދޭނެ އެއްވެސް ބަނދަރެއް ނެތްކަމަށެވެ

ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަހީދު އެ ވަނީ ރައްޔިތުންގެ އުންމީދުތައް ވަރަށް އަނިޔާވެރި ގޮތެއްގައި ނަގާލާފަ ކަމަށާއި މިރާއްޖޭގައި މިހާރު ހިނގަމުން މިދަނީ ޣައިރު ޤާނޫނީ ޚަރާމް ވެރިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއާލަމްގައި ކުރެވޭނީ ގަދަ ކީރިތިވަންތަ މާތްރަސްކަލާންގެ ޙަޟްރަތުން ކުރެވޭ ވެރިކަމެއްކަމަށާއި އެ ވެރިކަން ބަޣާވާތްކޮށްގެން ހަލާލުނުކުރެވޭނެކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް މިއަދު ގޮވާލަމުން ދާ ފަރާތްތައް އެ ވަނީ ބޮޑު ޚަރާމްކަމެއް ކޮށްގެންކަމަށާއި ބަޣާވާތްކުރި މީހުން ތިބީ މާތް ﷲ އުރެދި ބޮޑު ޚަރާމްކަމެއްގެ މަތީގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ

އިއްތިހާދުވުމަށް ގޮވަމުން ދާއިރު މިއަދުވެސް އެބޭފުޅުން އެ ތިއްބެވީ އިއްތިހާދު ވެވަޑައިގެންކަމަށާއި، އިއްތިހާދު ހައްދަވައިގެން މިއަދާ ހަމައަށް ރައްޔިތުންނަށް އެ ބޭފުޅުން ކޮށްދެއްވި އެއްވެސް ކަމެއް ނެތްކަމަށާއި ކޮށްދެއްވިހާ ވެސް ކަމަކީ ރައްޔިތުންނަށް އިސްލާމްދީން އޮޅުވާލެއްވުންކަމަށެވެ. އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައިވެސް އެންމެ މަތީ މަޤާމު ދެވިފައިވަނީ އިސްލާމްދީނަށް ކަމަށާއި ނަމަވެސް ބަޣާވާތްކުރި ފަރާތްތަކުން އެކަން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއް އުންމަތެއްގެ ގޮތުގައި އަޅުގަނޑުމެން ތިބި އިރު އަނެއް މުސްލިމް އަޚާއަށް މުޚާތަބްކޮށް އެބޭފުޅުން ލާދީނީއޭ ގޮވާ، ޝެއިޚުންގެ ތާކިހާ އަޅުއްވައިގެން ތިއްބެވި ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި އިންތިޚާބު އަޅުގަނޑުމެން އެއް ބުރުން އިރާދަފުޅާއެކު ކާމިޔާބުކުރާނީ މިދެންނެވި ސަބަބުވެސް އޮތަތީވެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ