ވާދަވެރި ފަރާތްތަކުން އިއްތިހާދު ވަނީ ވެރިންނާ އެކު ކަމަށާއި އަޅުގަނޑުމެންގެ އިއްތިހާދަކީ ރައްޔިތުންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ވާދަވެރި ފަރާތްތަކުން އިއްތިހާދު ވަނީ ވެރިންނާ އެކު ކަމަށާއި އަޅުގަނޑުމެންގެ އިއްތިހާދަކީ ރައްޔިތުންކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ޤައުމީ ފެންވަރުގެ ” އެމްޑީޕީ އެއްބުރުން” ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އިއްތިޙާދުގެ ވާހަކަ ރިޔާސީ ނިޒާމެއްގައި ނުދެއްކޭނެކަމަށާއި ރިޔާސީ ނިޒާމެއްގައި އިއްތިހާދު ހަދާ ވާހަކަ ދެއްކުމަކީ ޣައިރު ޤާނޫނީ ވާހަކައެއްކަމަށެވެ.

އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީކުރުމަށް އެދެނީނަމަ، ޤާނޫނުގައި ބުނެފައިވާ ގޮތަށް އަމަލުކުރަންޖެހޭކަމަށާއި، ޤާނޫނު އަސާސީގައި ބުނެފައިވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރަންޖެހޭ ވާހަކަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވަޒީރުންގެ މަޖްލީހެއް އޮންނަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް އެހީތެރިވުމަށްކަމަށާއި އެބޭފުޅުން ކިޔަމަންވާން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަކަށް ކަމަށްވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، އިއްތިހާދު ހަދައިގެން ވަޒީރުންގެ މަޖްލިސް ސިޔާސީ އެކި ޕާޓީތަކަށް ބަހާލައިގެން އަޅުގަނޑުމެން މިއެދޭ ތަރައްޤީ ނުލިބޭނެކަމަށްވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަމާޒަކީ އަދި މިޞްރާބަކީ ބަދަލެއްކަމަށާއި އަޅުގަނޑުމެން ހޯދަން މިއުޅެނީ މުޅިން އެހެން ޤައުމިއްޔަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ޤައުމިއްޔަތު ބިނާވެފައިވާނީ މާތްވެގެންވާ އިސްލާމްދީނުގައި ދެމިތިބުމާއި އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއިއެކު ފޯރުންތެރިކަން ހޯދުމުގެ މައްޗަށްކަމަށެވެ. އަޅުގަނޑުމެން ބިނާކުރާ ޤައުމިއްޔަތަކީ މިރާއްޖެ ތަރައްޤީކުރާނެ ޤައުމިއްޔަތެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ އުންމީދުތައް ހަޤީގަތަކަށް ހެދުމަށް، ސިޔާސީ ޕާޓީތައް އުފައްދައި ޙިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އަޅުގަނޑުމެން ހޯދީ އެކެއް އަނެއްކެއްގެ ކިބައިން ހިތްވަރު ހޯދައި ބިރުފަހަނައަޅައި ގޮސް، ވަރަށް މަތިވެރި ޤުރުބާނީއެއްވެގެންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިއަދު އަނެއްކާވެސް އަޅުގަނޑުމެން މިދަތުރުކުރަނީ ރައްޔިތުންގެ ވެރިކަމެއް ކުރުމުގެ މިޞްރާބަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ފުވައްމުލަކުގެ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގެ ރައްޔިތުން އެމްޑީޕީ ސަރުކާރެއް ޤާއިމްކޮށް އެމަނިކުފާނަށް ކުރެއްވި މަތިވެރި އިތުބާރަށްޓަކައި ފުވައްމުލަކުގެ ރައްޔިތުންނަށާއި އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް، ރައީސް ނަޝީދު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދެންނެވިއެވެ.

ފުވައްމުލަކަކީ އެމްޑީޕީގެ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވާދަވެރި ބައެއް ފަރާތްޕުޅުތަކުން މިރަށުގައި ކެމްޕެއިން ލޯންޗްކުރެއްވުމަށް ވަޑައިގަންނަވާތީ އަޖައިބުވެވަޑައިގަންނަވާކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީ ކާމިޔާބުކުރާނީ ފުވައްމުލަކާ އެކީ އެއްބުރުންކަމަށެވެ. އަޅުގަނޑުމެންގެ ހުރިހާ އުންމީދެއް، ބޯހިޔާވަހިކަމާއި ދަރިންގެ ތަޢުލީމާ، ވަޒީފާގެ ފުރުޞަތާއި ފެނާ ނަރުދަމާއާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުން ފަދަ އެންމެހާ ކަމެއް ހޯދަން މި ޖެހެނީ އެއްބުރުންކަމަށާއި މިރާއްޖޭގެ ތަރައްޤީ ހޯދުމަށް ދެ ބުރެއް ނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެއް ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ އެމްޑީޕީގެ ޤައުމީ މަސްޢޫލިއްޔަތެއްކަމަށްވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެމްޑީޕީގެ އަމާޒަކީ ތަރައްޤީކަމަށާއި އަޅުގަނޑުމެން ހޯދައިންދޭން މިއުޅެނީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ފާގަތި ދިރިއުޅުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއަދު އެމްޑީޕީ ފިޔަވައި އެހެން ފިކުރެއް ހަޤީގަތުގައި މިރާއްޖޭގައި ނެތްކަމަށެވެ. އަދި ސިޔާސީ ލީޑަރުން ބިނާކުރުމަށް އެމްޑީޕީ ވަރުގެ މެޝިނެއް ދުނިޔެއިންވެސް ހޯދެން ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ އެންމެހާ ދޮށީ އުމުރުގެ މީހުންނާއި އަދި ޒުވާނުންވެސް އެމްޑީޕީގެ ފިކުރާ ގުޅި އެންމެން އެކީގައި ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ގޮވާލައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ރާއްޖެ ތަރައްޤީކުރުމަށް އަޅުގަނޑުމެންގެ ތަޞައްވުރެއް އެބަ އޮތްކަމަށާއި ޙިޔާލަކާއި ފިކުރަކާއެކު މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް، ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވާދަވެރި އެހެން ޕާޓީތަކުން ގޮވަނީ ތިމަންނާއަށް އޮތީ ކޮންއެއްޗެއްތޯކަމަށާއި ހަޤީގީ އިއްތިޙާދުގެ ސިފައަކީ އެއީ ކަމަށެވެ.

މިއަދު މިހާރު މިވަނީ އިރޮއޮއްސިފައިކަމަށާއި ދެން އަނެއްކާވެސް އިރުއަރައި އަލިވިލާނީ މާދަމާއަށްކަމަށާއި ދެން އަލުން އަނެއްކާވެސް މިރާއްޖޭގެ އުދަރެސްމަތި ޖަރީވެގެންދާނީ ރަންރީނދޫ ކުލައިންކަމަށް، ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ ދެން އަނެއްކާވެސް އޮންނާނީ އެމްޑީޕީގެ ވެރިކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.