މެމްބަރެއްގެ ޚިޔާލު: މާލޭގައި “ދެބުރި މަގު” ހެދުމާއި، ފައިމަގަށް ހޭނުމަކީ ޓްރެފިކަށްއޮތް ހައްލެއް…!

މާލެއަކީ ދުނިޔޭގައި އޮތް އެންމެ ތޮއްޖެހިފައިވާ ސިޓީއެވެ. މާލޭގެ ޓްރެފިކް މައްސަލަތައް މިވަނީ ބޮއްސުންލާފައެވެ. ވެހިކަލް އެތެރެކުރާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް ދަނީ ގިނަވަމުންނެވެ. ޚާއްޞަކޮށް ސައިކަލާއި ކާރެވެ. ރާއްޖެއަށް އެތެރެކުރާ ވެހިކަލްތަކުގެ ބޮޑުބައެއް ޖަމާވެފައިވަނީ މާލޭގައެވެ. އެކިސިފަ ސިފައިގައެވެ.
މާލޭގައި ވެހިކަލް ބޭނުންކުރާ މިންގަނޑު ވަކިހަމައެއްގައި ނުހިފެހެއްޓިއްޖެނަމަ، ކުރިއަށްއޮތް ދެއަހަރެއްހާ ދުވަހުގެތެރޭގައި މާލޭގެ ޓްރެފިކް މައްސަލަތައް ހީނުކުރާ މިންގަނޑަކަށް އަރާނެއެވެ. މަގުމަތީގައި ހަރަކާތްތެރިވެ އުޅުމަކީ މުސީބާތަކަށްވާނެއެވެ. ޚިޔާލަށް ނުގެނެވޭފަދަ ކަންކަން ހިނގާފާނެއެވެ. ފަރުދުންގެ ރައްކާތެރިކަމާއި ސަލާމަތަށް ހުރަސްއެޅިގެން ހިނގައިދާނެއެވެ. މީގެއިތުރުން މާލޭގެ މަގުތަކަށް ޒަމާނާއި މާހައުލަށް އެކަށޭނަ އިތުރު ބަދަލުތަކެއް ގެނައުމުގެ ވިސްނުން ގެންގުޅުމަކީ ނެތްކަމެއްނޫނެވެ.
މާލޭގައި ދިރިއުޅޭ މީހުންގެ ހިސާބުކިތާބު އަދަދު ކުރުމަށް ދަތިތަކެއް އެބަހުއްޓެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މާލޭގައި ދިރިއުޅެމުން ގެންދާ ކަމަށް ބޯހިމެނުމުގެ ކިތާބުން ދައްކައެވެ. އެކި ބޭނުންތަކުގައެވެ. މިމަގަށް މިކަން އޮތްއިރު ބިދޭސީން މާލޭގައި ދިރިއުޅޭ މިންވަރު ދެނެގަތުމަކީ ފަސޭހަ ކަމަކަށްނުވާނެއެވެ. ޤަވާއިދާ ޚިލާފަށް ރާއްޖެއައިސް އެކިގޮތްގޮތުން މާލޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު ވިހި ތިރީސް ހާހަށްވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ. މަގުތައްމަތީން ފެންނަމުންދާ މޫނުތަކަށް އެކަނި ނަޒަރު ހިންގާލުމުން ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެއްކަމަށް ބެލެވިދާނެއެވެ. ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އައިސްތިބި ބިދޭސީންގެ އަދަދު ލައްކަ އަކަށް އަރާނެއެވެ. މި ހަޤީގަތާ ދުރަށް ޖެހުމުގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.
މާލޭގައި ދިއިރުޅޭ ކޮންމެ މީހަކީ ސައްވީސް ގަޑިއިރުގެ ތެރެއިން، މަދުވެގެން ދެތިން ފަހަރު މަގުމައްޗަށް ނިކުންނަން ޖެހިފައިވާ ބައެކެވެ. ޒަރޫރީ ކޮންމެވެސް ބޭނުމެއް ފުއްދުމަށެވެ. ފައިމަގުގައި ނޫނީ ދުއްވާ އެއްޗެއްގައެވެ. މަދްރަސާ ދޮށަށް ކުދިންބަލާ ގޮސްތިބޭ ބެލެނިވެރިންނާއި ސްކޫލްގައި ކިޔަވަންތިބޭ ދަރިވަރުން މަގުތަކަށް ނިކުންނަނީ އެއްވަގުތެއްގައެވެ. ކިޔަވަންދާ ގަޑިތަކާއި ނިމޭގަޑިތައް ބައެއް ކުދިންގެ ތަފާތެވެ. ނަމަވެސް މަދްރަސާދޮށް އޮންނަނީ ތޮއްޖެހި ބާރުވެފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިދެންނެވި ގަޑިތަކުގައި މަދްރަސާދޮށް ތޮއްޖެހޭ މަންޒަރު ފެނެއެވެ. އެމީހުން ޓްރެފިކް މައްސަލަތައް ހައްލުކޮށް އުޅެއެވެ. ރާއްޖޭގައިވެސް އެކަން ކުރެވޭތޯ ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރާތަން ފެނެއެވެ. ނަތީޖާ ހާސިލް ނުވަނީ މާލެއަކީ ރޭވުމެއްނެތި ސިޓީއަކަށް ބަދަލުވެފައިވާ ފަސްގަނޑު ކުޑަ ރަށަކަށްވުމެވެ. މިއީ، ދިވެހިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
މާލޭގެ މަގުތަކުގެ އަމާންކަމާއި ތޮއްޖެހުމަށް އޮތް ހައްލުތަކާއިމެދު ފިކުރު ހިންގަންޖެހެއެވެ. އެކި ދުވަހު އެކި ޚިޔާލާއި ފިކުރު ހިތަށްވެރިވެއެވެ. ޓްރެފިކްގެ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ފައިމަގުގައި އުޅުން އެކަނި ކަމުގައި ނުދެކެމެވެ. ފައިމަގަށް ހޭނުމަކީވެސް އެއްވަސީލަތެވެ. އިންސާނީ ފަސޭހަޔަށްޓަކައި ޒަމާނީ ސަވާރީތައް ގެންގުޅޭ އެތައްހާސްބަޔަކު މާލޭގައި އެކަނިވެސް އެބަތިއްބެވެ. މިހަޤީގަތާ ދުރަށް ދިއުމަކީ ރަނގަޅުކަމެއްނޫނެވެ. މައްސަލައިގެ ހައްލު ހޯދުމަށް ވިސްނާ ފިކުރު ހިންގަންޖެހެއެވެ. ދުނިޔޭގެ ތަޖުރިބާކާރުންގެ ތަޖުރިބާއާއި، އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހެއެވެ. މިކަމެއް ނުވާނޭ ބުނެ ހުއްޓާލުމަކީ ތަރައްޤީގެ އުސޫލުތަކާއި އިދިކީލި ކަމެކެވެ.
މާލެއަކީ ދުނިޔޭގައި އޮތް އެންމެ ކުޑަ އަދި ބައިބޯ ސިޓީއެވެ. ދުނިޔޭގެ ބައިބޯ ބައެއް ސިޓީތަކުގައި މަގުތައް ތޮއްޖެހުމުން، ދެބުރިއަށް ފަރުމާ ކޮށް ހަދާފައިވާ މަގުތަކާއި ދާދި އެއްކަހަލަ ގޮތަކަށް މާލޭގެ ބައެއް މަގުތައް ފަރުމާ ނުކުރެވެންވީ ސަބަބެއްނެތެވެ. މުސްތަޤުބަލަށް ރާވާ ޕްލޭނެއްގެ ދަށުންނެވެ. މާލޭގެ މަގުތަކުގެ ހަނިމިނަށް ވިސްނާފައެވެ. ދުއްވާ ވެހިކަލްތަކުގެ ލުއި ބަރުމިނިނަށް ރިޔާއަތް ކުރުމަށްފަހުއެވެ. ބޮޑުތަކުރުފާނުމަގަކީ މަތިން ދުއްވާ ދެބުރި މަގަކަށް ހެދިދާނެއެވެ. މަޖީދީމަގާއި އަމީނީ މަގާއި އޯކިޑް މަގަކީ މާލޭގެ ދިގަށް ދުއްވާ ދެބުރި މަގުތަކެއް ކަމުގައި ހެދިދާނެއެވެ. ސޯސަންމަގާއި ޗާންދަނީމަގާއި މާވެޔޮ މަގަކީ މާލޭގައި ހުރަހަށް ދުއްވާ ދެބުރި މަގުތައްކަމުގައި ހެދިދާނެއެވެ. މި މަސައްކަތުގައި ސިވިލް އިންޖިނޭރުންނަށް ދިމާވާނެ ގޮންޖެހުންތަކާއި، ފީސިބަލްކުރުމާއި ޓްރެފިކް ފްލޯރ މެނޭޖް ކުރާގޮތްތައް ހޯދުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. މި ޚިޔާލަށް ދެބުރި މަގުތަކެއް މާލޭގައި ހަދާއިރު މިހާރު ހުރި މަގުތަކުގެ މެދަށް ބޮޑެތި މާސިންގާ ތަނބުތަކެއް ނުޖަހާ އެކަން ކުރުމަކީ، ފަރުމާކުރާ މީހުން ވިސްނަންޖެހޭނެ ކަމެކެވެ. މިބާވަތުގެ ޕްރޮޖެކްޓެއް ހިންގާއިރު، މާލޭގައި އިމާރާތްކުރުމުގެ މަރުހަލާތައް ހިންގާނެގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭނެއެވެ. ސިޓީ ފްރެންޑްލީކޮށް ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އުސޫލުތަކެއް އެކުލަވާލަންޖެހޭނެއެވެ. މިހުރިހާ ކަމަކަށް ގިނައަދަދެއްގެ ރުފިޔާ ހޭދަވާނެއެވެ. ޚަރަދުކުރި ރުފިޔާ ކުޑަފައިދާއަކާއެކު އަނބުރާ ލިބޭނެގޮތްތައް ރޭވިދާނެއެވެ. ތަރުތީބުކޮށް މިމަސައްކަތް ކުރެވިއްޖެނަމަ މާލޭގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެއެވެ. ދުނިޔޭގައިއޮތް އެންމެ ބައިބޯ އަދި ތަރުތީބުކޮށް ހިންގާ ކުޑަސިޓީ އަކަށް މާލެ ވެގެން ދިއުމަކީ ދުރުގައިއޮތް ކަމަށް ނުވާނެއެވެ. ރާއްޖޭގައި އެކި ބަށްޓަމަށް ތަރައްޤީކޮށްފައިވާ ސިޓީތައް ފެނުމަކީ ކާފަ ދަރީން ދެކޭނެ ދުވަހަކަށް ހެދުމުގެ ފިކުރު ހިންގުމަކީ އަދުގެ ދިރިތިބީންގެ މައްޗަށް ލާޒިމްކުރާކަމެކެވެ.
ބުނެވިދިޔަ ޚިޔާލަށްވުރެ ރަނގަޅު ޚިލާއި ފިކުރުތައް މިކަމުގައި ހުންނާނެކަން ޔަޤީނެއެވެ. އެޚިޔާލުތަކާއި ފިކުރުތައް ލިޔުމަށް ބަދަލުކުރަންވީއެވެ. އޭގެތެރެއިން ގިނަބަޔަކަށް ކަމުދާ އަދި އަމަލީސިފަ ގެނެވެންހުރި ކަންތައްތަކަށް ފިޔަވަޅުއެޅޭތޯ ބަލަންވީއެވެ. ހޮޅުއަށިތަކުގައި ކަނޑަމުންދާ ސަޅިބައިސާ ލިޔުމަށް ބަދަލުކުރަންވީއެވެ. މިއަދު ކަމުނުދާ ޚިޔާލާއި ފިކުރުތައް، މާދަމާ ކަމުދިއުމަކީ ދުނިޔެ ތަޖުރިބާކޮށްފައިވާ ކަމެކެވެ. މަލްޓިޕާޓީ ސިސްޓަމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަކީ، ދާދި މިދާކަށްދުވަހާއި ޖެހެންދެން ގިނަބަޔަކަށް ކަމުނުދިޔަ ފިކުރެކެވެ. ޚިޔާލެކެވެ. ޤަބޫލުކުރަން ދަތިވިކަމެކެވެ. އެމަންޒަރުވެސް މިއަދު މިވަނީ ބަދަލުވެފައެވެ.