އަޅުގަނޑުމެން މިތިބީ ކޮރެޕްޝަނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްގެން – ޑރ.މުސްތަފާ ލުތުފީ

14 ޖުލައި 2010

drmusthafa-450-x-338

ދިވެހިރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައިވާ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ މިޤައުމަކީ ކޮރެޕްޝަނުން ފުރިގެންވާ ތަނަކަށް ހަދަން ދިވެހި އެއްވެސް ރައްޔިތަކު ބޭނުންނުވާ ކަމަށާއި، ދިވެހިރައްޔިތުން ބޭނުންވެއްޖެނަމަ ނުކުރެވޭނެ ކަމެއް މިޤައުމުގައި ނޯންނާނެ ކަމަށެވެ. އަދި މިއަދަކީ ކޮރެޕްޝަންނައްތާލުމަށް އެމްޑީޕީ އިން ރައްޔިތުނާއި އެކު މަގުމައްޗަށް ނުކުންނާނެ ދުވަސް ކަމަށާއި
މިޤައުމަކުން ދުވަހަކުވެސް ރައްޔިތުންގެ ބާރުކަނޑުވާނުލެވޭނެ ކަމަށް ޑރ. މުސްތަފާ ލުތުފީ ވިދާޅުވިއެވެ.
އެހެން ރޭރެއަށް ވުރެ ކުރުކޮށް ރޭ ބޭއްވި މި ޖަލްސާގައި ފ.އަތޮޅު ކައުންސިލަރ އިބްރާހީމް ޚަލީލް ވެސް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ނެލްސަން މަންޑޭލާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ހޯދައިދިނީ ރައީސް ނަޝީދު ކަމަށާއި، އިންޑިޔާގެ މަހާތުމާ ގާނދީ އާއި، ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްކުރެއްވި ބަޠޮލު، މުހައްމަދު ތަކުރުފާނުގެ ލިސްޓްގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ދިގު ތިރީސް އަހަރުން ނުގެނޭވޭ ފަދަ ތަރައްގީ އެއްއަހަރާއި ހަމަސް ދުވަހުގެތެރޭގައި ފ.އަތޮޅަށް އައިސްފައިވާ ކަމަށާއި، ފ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރެވިފައިވާ ކަމަށާއި، ” މުޒާހަރާއެކުރަނީ ދިވެހިރައްޔިތުންގެ ވިންދުގައެއްނޫން، މުއްސަދިންގެ ވިންދުގައި” ކަމުގައި ފ.އަތޮޅު ކައުންސިލަރ ވިދާޅުވިއެވެ. އަދި ” ކޮންމެކަމެއްގައި ޤާނޫނަކީ ހަތިޔާރެއްކަމަށް ނަންގަވައިގެން މަސައްކަތްކުރާއިރު ޤާނޫނަކީ ރައްޔިތުންނަށްޓަކައި ހަދާއެއްޗެއްކަމަށް އެބޭފުޅުން ނުވިސްނަވާ” ކަމުގައި ޚަލީލު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ފ.އަތޮޅު ކައުންސިލަރުގެ އިތުރުން، މިއަދު ބާއްވާ ޤައުމީ މުޒާހަރާގައި ބައިވެރިވުމަށް އެކި ޕްރޮވިންސްތަކުން މާލެއައިސްތިއްބެވި ބައެއް ބޭފުޅުން ވާހަކަދެއްކެވިއެވެ. މީގެ ތެރޭގައި މ އަތޮޅު، ޅ އަތޮޅު، ހ.އ. އަތޮޅު އަދި ނ. އަތޮޅުގެ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.
ރޭ ޓީވީއެމް އިން ގެނެސްދިން ގައުމާއިގެން އަމާން ބަނދަރަކަށް، މި ސިލްސިލާގެ ޚާއްސަ ޕްރޮގްރާމަށް ފަހު ހަރުގޭގައި ބޭއްވި މި ޖަލްސާގައި މިއަދުގެ މުޒާހަރާ ކުރިއަށްގެންދިއުމަށް ހަމޖެހިފައިވާ ގޮތުގެބްރީފިން އެއް ދެއްވިއެވެ.
މި ޖަލްސާއަށް އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިއެވެ.