ނޫސްބަޔާން: އިލެކްޝަންސް ކޮމިޝަންއިން މެމްބަރޝިޕް ފޯމް ބަލައިނުގަންނާތީ ކަންބޮޑުވުން ފާޅުކުރުން

noosbayan

ނަންބަރު:MDP-2013-PR-31
ތާރީޚް: 24 އޭޕްރީލް 2013 (ބުދަ)

އިލެކްޝަންސް ކޮމިޝަންއިން މެމްބަރޝިޕް ފޯމް ބަލައިނުގަންނާތީ ކަންބޮޑުވުން ފާޅުކުރުން

އާ ޤާނޫނު ތަސްދީގު ކުރެވުމަށް ފަހު ހަދަން ޖެހޭ ޤަވައިދުތައް ހެދެންދެން މެމްބަރޝިޕް ފޯމް ބަލައިގަނެވެން ނެތް ކަމަށް ބުނެ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަކަން އެއީ މި ޕާޓީއިން ނުހަނުކަންބޮޑުވާ ކަމެކެވެ.

އެމްޑީޕީގެ މެމްބރުންނަށް ވުމަށް ބޭނުންވެގެން ޕާޓީ އޮފީހަށް ފޯމު ހުށަހަޅައިފައިވާ ފަރާތްތަކުން ދަނީ ކެނޑިނޭޅި މިކަމާ ޝަކުވާ އުފުލަމުންނެވެ. ރާއްޖޭގެ ރަޖިސްޓްރީ ވެފައިވާ އެންމެހާ ސިޔާސީ ޕާޓީތަކަށް މިދިޔަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި މެމްބަރޝިޕްއާ ގުޅޭ ބައްދަލުވުމުގައިވެސް އެމްޑީޕީއިން ވަނީ މިމައްސަލަ އަލުން ހުށަހަޅާފައެވެ. ނަމަވެސް ވަކިތާރީހެއް ނުދެއްވާ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވައިދުތައް ހެދެންދެން މެމްބަރުންގެ ރަޖިސްޓްރޭޝަން ފޯމު ބަލައިގަނެވެން ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ މާޙައުލު މިހާރު އޮތްގޮތުން ސިޔާސީ ޕާޓީތަކާއި ބެހޭ ޤަވާއިދުތައް ހެދެންދެން ކަމަށް ވިދާޅުވެ މެންބަރޝިޕް ފޯމްތައް ބަލައި ނުގަތުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު “އަޕްޑޭޓް” ކުރަމުން ނުދާތީ މި ޕާޓީއަށް އެކަމުގެ އަސަރުތައް ކުރަމުންދާ ކަމެކެވެ.

ވީމާ މި ޕާޓީގެ މެންބަރޝިޕް ފޯމުތައް މިއަދުން މިއަދަށް ބަލައިގަނެ، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންގެންދަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި މި ޕާޓީގެ މެންބަރުން ހިމަނުއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މި ޕާޓީން ގޮވައިލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް