25 އޭޕްރިލް 2013 ވާ ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކުގައި އަދި ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި އެމްޑީޕީގެ ގައުމީ ފެންވަރުގެ ޖަލްސާ ބޭއްވުމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީ އިން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދާއި އެމްޑީޕީ އާއި އަލަށް ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ މި ދެ ޖަލްސާގައިވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކަމުގައިވާ އެމްޑީޕީ ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، ކޮމިޓީ ތަކުގެ މެމްބަރުންނާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު ކުރިއަށް އޮތް ހަތަރު ހަފްތާގައި ބައިވެރިވެވަޑައިގަންނަވާނެ ކެމްޕެއިން ހަރަކާތްތައް ތާވަލް ކުރައްވައި އެބައިތައް ‘ކެމްޕެއިން ގްރިޑް’ ގައި ހިމެނުއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ރިޔާސަތުބެލެހެއްޓެވި ޖަލްސާގައި އެމްޑިޕީގެ ގައުމީހިންގާ ކޮމިޓީގެ މެމްބަރުން ނިންމެވިއެވެ. މި ޖަލްސާއަށް އެމްޑީޕީ ރިޔާސީ ކެމްޕެއިންގެ މެނޭޖަރ ޗެއަރޕާސަންގެ ނާއިބު އިދާރީ ޢަލީ ޝިޔާމް އާއި ޑިޕިއުޓީ މެނޭޖަރ އަދި ކެމްޕެއިން ކޮމިޓީގެ ނާއިބު ރައީސް ޢަބްދުލް މާޖިދު މަޢުލޫމާތު ދެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އަރިހުގައި އެމްޑީޕީ އާއި އަލަށް ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދު މި ޖަލްސާ ގައި ބައިވެރިވެވަޑައިގެންނެވުމުން، އެ މަނިކުފާނަށް އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީގެ މެމްބަރުން ވަރަށް ހޫނު އަތްތިލަބަޑީގެ މަރުހަބާއެއ ދެންނެވިއެވެ. މިއަދުގެ ޖަލްސާ ބޭއްވުނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހުގައެވެ.