ދޭތިންފަހެތި ކެންޕެއިން ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާއާއި ހިތަދޫ މެދު ދާއިރާ އަދި ހިތަދޫ ދެކުނު ސަރަޙައްދަށް ޚާއްޞަ ކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމެއް މިމަހުގެ 26 ވަނަ ދުވަހު ކުރިއަށް ދާނެ ކަމަށާއި އަދި މިމަހުގެ 27 ވަނަ ދުވަހު ފޭދޫ، މަރަދޫ ފޭދޫ، އަދި ހުޅުމީދޫ ދާއިރާއަށް ޚާއްޞަކޮށްގެން ކުރިއަށް ދާނެ ކަމަށް އައްޑޫ ސިޓީގެ އެމްޑީޕީ އޮފީހުން ހާމަކޮށްފިއެވެ.
އައްޑޫ ސިޓީގެ އެމްޑީޕީ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދޭތިންފަހެތި ކެންޕެއިން އިތުރަށް ވަރުގަދަކޮށް އެމްޑީޕީގެ ކެންޕެއިން އާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ހިއްސާ ކުރުމެވެ.
އައްޑޫ ސިޓީގެ އެމްޑީޕީ އޮފީހުން މައުލޫމާތު ދޭގޮތުގައި އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގައިވެސް އެމްޑީޕީ ދޭތިންފަހެތި ކެންޕެއިން މަސައްކަތް މިހާރުވެސް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި، ދޭތިން ފަހެތި ކެންޕެއިން އޮނިގަނޑުގެ ބޮޑުބައެއް އެކުލަވައިލާ ނިމުމާއި ދޮރުން ދޮރަށް ހިނގުމުގެ ދެވަނަ ބުރުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާކަމަށެވެ.
އަދި ހައުސް އޭޖެންޓުން ކަނޑަ އެޅުމާއި ބްލޮކް އޭޖެންޓް ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ގޭބިސީ އެޖެންޓުންގެ ބައްދަލުވުންތަކާއި ކަންމަތީ ބައްދަލުވުންތައްވެސް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޑާޓާ އެންޓަރިންއަށް ކުދިންނަށް ތަމްރީނު ދިނުމާއި އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް އެމްޑީޕީ އައްޑޫ ސިޓީ އޮފީހުން މައުލޫމާތު ދެއްވިއެވެ.