ސަރުކާރުގެ އެހީ ފަސޭހަކަމާއިއެކު ހޯދުމަށް ކުރަންޖެހޭނެ ކަންކަން ރައްޔިތުންނަށް އެނގޭނެގޮތް ހައްދަވައިދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިޕާޓީގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންނުޖެހުން ހިމެނެއެވެ. އެގޮތުން 65 އަހަރުން މަތީ ފިރިހެން/ އަންހެން އެންމެންނަށް އައިޖީއެމްއެޗް އިން ހިލޭ ބޭސްކުރެވެއެވެ. ނަމަވެސް ބޭސްފަރުވާއަށް އެހީއަށް އެދުމުން އެކިފަރާތްތަކުގެ ގާތަށް ދަނީ ހަމައެކަނި 65 އަހަރުން މަތީ ދިވެހި ރައްޔިތުން އެކަންޏެއްނޫނެވެ. ވުމާއިއެކު އަމިއްލައަށް ބޭސްފަރުވާ ކުރެވުމުގެ ފުދުންތެރިކަން ނެތް މީހުން، ސަރުކާރުގެ އެހީ ހޯދުމަށް ކުރަންޖެހޭ ކަމެއްވާނަމަ، އެހީ ހޯދުމަށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއިއެކު ރައްޔިތުންނަށް އެނގޭނެހެން ލީފްލެޓެއްގެ ގޮތުގައި ނަމަވެސް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިދޭތެއިން އަޅުގަނޑު އަރިއަތޮޅަށް ކުރި ދަތުރެއްގައި އަޅުގަނޑަށް ފެންފުށްޓަށް ދެވުނެވެ. ފެންފުށިން ދިމާވި އަންހެނެއް އަޅުގަނޑު ގާތުބުނީ އެމީހުން ރިސޯޓަކަށް ކުނިކަހަންދާ ވާހަކައެވެ. އޭނާ ބުނީ އެމީހުންގެ މަސައްކަތަށް ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް ސަރވިސްޗާޖް ބަހާއިރު އަންހެނުންނަށް ލިބެނީ ފިރިހެނުންނަށް ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައެވެ. މިހެން މިކަން ހިނގާނަމަ، މިގޮތަށް ޖިންސީ ތަފާތު ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތުމަށް ފުރުސަތު ނުދެއްވާ ސަރުކާރުން މިކަން ބައްލަވަންވާނެއެވެ. ފެންފުށީ އަންހެނުންނަށް މިކަން މިގޮތަށް ދިމާވާނަމަ، މިހެން މިކަންތައްތައް ރާއްޖޭގެ އެހެން ތަންތާނގައި ދިމާވުމީ އެކަށީގެންވާކަމެކެވެ. އެމްޑީޕީ ހިމެނޭ އިއްތިހާދުން ސަރުކާރު ހިންގާއިރު ޖިންސީ ތަފާތަށް ފުރުސަތު ދެއްވައިގެންނުވާނެއެވެ.

މިހާރު ސަރުކާރުންވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ގައި ހިމެނުމަށް ނަންފުޅުތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އަޅުގަނޑުގެ އުންމީދަކީ ރައްޔިތުންގެ މަޖިލީހުން މި ފޮނުއްވި ނަންތަކާއި ގުޅޭގޮތުން ގޮތެއް ނިންމާ، މިކޮމިޝަން އަވަހަށް ވުޖޫދަށް އައުމެވެ. ޕޭރޯލް ޤަވާއިދު މަޖިލީހުގެ ޤަވާއިދު ކޮމެޓީން އަވަހަށް ނިންމަވާ، ޕޭރޯލް ޕްރޮގްރާމްގެ ދަށުން މީހުން ރަގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތް ވުމެވެ.

މާތްﷲ އަޅުގަނޑުމެންގެ މި މުޖުތަމައަކީ ކުށް ނުކުރާ މުޖުތަމައަކަށް ހައްދަވައި އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ.