ފޮނަދޫ ބްލޮކް އޭޖެންޓުންނާއި އެމްޑީޕީ ވަފުދު ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފި.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މެރިކަލްޗަރ ގެ ސިޔާސަތު ލ. އަތޮޅުގައި އިފްތިތާޙް ކުރުމަށް ވަޑައިގެންނެވި ޓީމުން ފޮނަދޫގައި ހަރަކާތްތެރިވާ އެމްޑީޕީ ކެންޕެއިންޓީމުގެ ބްލޮކް އޭޖެންޓުންނާއި އިއްޔެ މެންދުރު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ބްލޮކް އޭޖެންޓުންނާއި މުޚާޠަބުކޮށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ކޯލިޝަން ސަރުކާރެއްގެ ހިތި ތަޖްރިބާ އެމްޑީޕީން ކޮށްފައި ވާކަމަށާއި ކޯލިޝަން ސަރުކާރެއް ރާއްޖޭގައި ނުހިނގާނެ ކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ކޯލިޝަނެއް ދުނިޔޭގެ ތަސައްރަފު ފުދިފައިވާ ތަންތަނުގައިވެސް ނުހިނގާ ކަން މިސާލު ދައްކަވަމުން ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝާހިދުވެސް އެބޭފުޅާއަށް ތާއިދުކުރައްވާ މީހުންނާއި އެކީގައި އެމްޑީޕީއަށް ވަޑައިގެންނެވިކަން ފާހަގަ ކުރެއްވިއެވެ.

“ޙަޤީޤަތުގަ ޝާހިދު އިހައްދުވަހު ސޮއިކުރެއްވީ، އެކަމަކު ޝާހިދު ވިދާޅުނުވި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ ޑީއާރޕީގެ ވަރަށް ބޮޑެތި ހާޑްކޯ މީހުން އަދި ޕީޕީއެމް އަށްވެސް ތިބި މީހުން އަޅުގަނޑުމެންގެ އެކި ދާއިރާ ތަކުން އައިސް އަޅުގަނޑުމެންނާ ގުޅި ސޮއި ކުރާތަން. އެމީހުންނަށްވެސް މިހާރު ވިސްނިއްޖެ އެމްޑީޕީކަން މިފަހަރު ސަރުކާރާ ޙަވާލުވާނީ. އެމްޑީޕީ މިހާރު ސަރުކާރާއި ޙަވާލުވެ ރައީސް ނަޝީދު އިންތިޚާބްވެ އަޅުގަނޑުމެން ހަމަ ކުރީގެވެސް ތިން އަހަރު ދުވަހު ކޮށްދިންހެން މަސައްކަތް އަޅުގަނޑުމެން ނުކުމެ ވަރަށް ރައްޔިތުންނާ އެކީގަ ރައްޔިތުންނާ ގާތުން ވަރަށް މަސައްކަތްތަކެއް ކުރާނެ ކަން. މި އުއްމީދު ރައްޔިތުންނަށް ލިބިއްޖެ (މަޖިލިސް ރައީސް ސޮއިކުރެއްވި ރޭ) އަދި އެ ކޮމްފަރމް ވެއްޖެ އެގޮތަށް.” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޝާހިދު ސޮއިކުރެއްވުމާއި ގުޅިގެން ލިބުނު އިތުރު ޖޯޝުގައި ޖަޒުބާތުގައި ޖެހިގެން އަދިވެސް އެއް ގިޔަރު މައްޗަށް ޖައްސާލައިގެން މަސައްކަތް ކޮށް 7 ސެޕްޓެމްބަރުގައި މިރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާކަމަށް އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދު ހުވާކުރައްވާނެ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި މާރިޔާ ވަނީ މެރިކަލްޗަރ ސިޔާސަތާއި އެމްޑިޕީގެ މިނީ މެނިފެސްޓޯ ސިޔާސަތުތަކަށްވެސް އަލި އަޅުވާލައްވާ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި އެމްޑީޕީ ޕޮލިސީ ކޮމިޓީގައި މަސައްކަތް ކުރައްވާ އުމަރު ޢަބްދުއް ރައްޒާޤް މެރިކަލްޗަރ އާއި ބެހޭ މަޢުލޫމާތުކޮޅެއް ދެއްކެވިއެވެ.

އެމްޑީޕީ އަންހެނުންގެ ރޫހްގެ ރައީސާ ޝިޔާމާ އަޙްމަދު ވަނީ އެމްޑީޕީ ކެމްޕޭނުގެ މައްޗަށާއި ފޮނަދޫގައި ދޮރުން ދޮރަށް ހިނގައި ހޯދާފައިވާ މަޢުލޫމާތުތަކާއި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް އޮޅުންފިލުވައި ދެއްވާފައެވެ. މީގެ އިތުރުން ފިރިހެން ބޭފުޅުންގެ އެއްބާރުލުމާއި އެކީގައި އަންހެން ބޭފުޅުން ބާރުވެރި ކުރުވުމަށް ބާރު އަޅުއްވާ ވާހަކަދެއްކެވިއެވެ. އަދި ދޮރުން ދޮރަށް ކެމްޕޭނުގައި ގޭގެއަށް ޒިޔާރަތްކޮށް ޢަމަލުކުރަންވީ ގޮތްތައްވެސް އޮޅުން ފިލުވައިދެއްވިއެވެ. އަދި އިންތިޚާބަށް ފަހުވެސް ރައްޔިތުންގެ ޙާލުބެލުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ގޮވާލެއްވިއެވެ.

ދާއިރާ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ގެ ވާހަކަފުޅު ބިނާކުރެއްވީ ފޮނަދޫ ދާއިރާއަށް މެންބަރުން އިތުރުކޮށް އެމްޑީޕީއަށް ތާއިދު ހޯދުމަށް މަސައްކަތް ކުރުމަށާއި ދޮރުން ދޮރަށް ކެމްޕޭނުގައި ޢަމަލުކުރަންވީ ގޮތް ރައީސް ނަޝީދު އިރުޝާދު ދެއްވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ގޮވާލެއްވިއެވެ. އަދި ފޮނަދޫ ދާއިރާގައި އެމްޑީޕީގެ ތާއިދު އިތުރުކުރުމަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްވެސް ކުރުމަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ދޮންބިލެތް އަޙްމަދު ވެސް މި ބައްދަލުކުރުމުގައި ވާހަކަދެއްކެވިއެވެ. އަޙްމަދުގެ ވާހަކައިގައި ބޮޑަށް އަލި އަޅުވާލެއްވީ އަތޮޅުވެރިކަން ކުރާ ރަށްރަށުން އެމްޑީޕީގެ ފިކުރަށް ތާއީދު ލިބުމުގައި ގިނަ ވަގުތު ނެގިޔަސް ފިކުރު ބަދަލުވާން ފެށުމުން ވަރަށް ބާރަށް ބަދަލުވަމުން އަންނަތަން ފެންނަކަމަސް ވިދާޅުވިއެވެ. އަދި ފޮނަދޫ އެމްޑީޕީ ފިރިހެން މެންބަރުންގެ ވިސްނުން އެއްދިމާއަކަށް ގެންދިއުމަށް ގޮވާލެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުން ފޮނަދޫ ބަލައިގަންނަނީ ވަރަށް ކައިރިން ކަމަށާއި އަންނަ އެމްޑީޕީ ސަރުކާރެއްގައި ފޮނަދޫ އަކީ ތަރައްޤީގެ ނާރެހަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފޮނަދޫ އެމްޑީޕީ ބްލޮކް އޭޖެންޓުންނާއި އިއްޔެ ބައްދަލު ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙްމަދު ދީދީ އާއި އިސްދޫ ދާއިރާ ރައީސް ޢުމަރު ޢަބްދުއް ރައްޒާޤާއި އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙްމަދާއި ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރާއި އަދި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރު އިތުރުން ދޮންބިލެތް އަޙްމަދް ހަލީމެވެ. މި ބައްދަލުކުރެއްވުމުގައި ބްލޮކް އޭޖެންޓުން ދޮރުން ދޮރަށް ކެމްޕޭން ކުރުމުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އޮޅުންފިލުވާފައި މައުލޫމާތު ސާފުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކެމްޕޭން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އޮޅުންފިލުވައިދިނެވެ.