ޕާޓީ ޓިކެޓްގައި ވޯޓް ލިބިގެން ގޮނޑީގައި އިށީދެވަޑައިގަންނަވާ ބޭފުޅުން، ޕާޓީގެ ސިޔާސަތުތަކަށާއި ޕާޓީގެ ޤަވާއިދުތަކަށާއި އުސޫލުތަކަށް، ތާއިދު ކުރައްވާނެ

އެމްޑީޕީގެ ޚަބަރު ސިޓީ -/5 ރ އަށް އަގު ޖެހުމުން ބައެއް މެންބަރުން އެކަމާ ހިތްޕުޅު ހަމަނުޖެހިގެން ވާހަކަފުޅު ދައްކަވައެވެ. އަޅުގަނޑު ދަންނަވާލަން ޖެހެނީ، ޚަބަރުސިޓީ ޗާޕްކުރުމަށް ދާ ޚަރަދުވެސް މި އަގަށް ވިއްކައިގެންވެސް ނުލިބޭ ވާހަކައެވެ. އަދި އެމްޑީޕީގެ އަތޮޅުތަކުގެ މެންބަރުންނަށް ޕާޓީގެ ޚަބަރުތައް ނުލިބޭތީ އެ މެންބަރުންނަށް ޚަބަރުތައް ފޯރުކޮށްދިނުމުގެ ވަސީލަތަކަށް އެބަ މި ޚަބަރުސިޓީ ވާންޖެހެއެވެ.
އަޅުގަނޑުމެން މިބަލަނީ ޚަބަރުސިޓީއަށް ސްޕޮންސަރުން ލިބޭތޯއެވެ. ނަމަވެސް ޕާޓީއަށް އެކި ގޮތްގޮތުން މެންބަރުން ކުޑަ އެއްޗެއްވިޔަސް ދިއްކޮލުމުގެ އާދަ މެންބަރުންގެ ތެރޭގައި އަށަގަތުމީ، މިޕާޓީއަކީ ޕާޓީގެ މެންބަރުންގެ ޕާޓީއަކަށް ވުމުގެ އެންމެ ބޮޑު އެއް އަސާސްކަމަށް ދަންނަވާލަންޖެހެއެވެ. ފަހަރެއްގައިވެސް މިދަންނަވަނީ ޕާޓީގެ މެންބަރުން ޕާޓީއަށް ޚަރަދު ނުކުރައްވާ ވާހަކައެއްނޫނެވެ. ޕާޓީ މިހާހިސާބަށް އައިސްފައިވަނީވެސް ޕާޓީގެ ގިނަ މެންބަރުންތަކެއްގެ ސްޕޮންސަރޝިޕާއި ގިނަގުނަ މަސައްކަތުން ކަން މިޕާޓީ ޤަބޫލުކުރެއެވެ.
އަދި މިފަހަކަށް އައިސް ބައެއް ބޭފުޅުން އަޅުގަނޑާއި ވާހަކަފުޅު ދައްކަވާއިރު، މަޖިލީސް އިންތިޚާބަށް ޕާޓީއެއްގެ ނަމުގައި ނުކުތުމުން ދަތިތަކާއި ކުރިމަތިލައްވަން ޖެހޭކަމަށް ވިދާޅުވެ ބައެއްބޭފުޅުން ވާހަކަފުޅު ދައްކަވައެވެ. އަޅުގަނޑު ވޯޓްލާ މީހެއްގެ ހައިސިއްޔަތުން ވިސްނާލާއިރު، އަޅުގަނޑު އަމިއްލަ ފަރުދަކަށް ވޯޓްދީފިނަމަ އަޅުގަނޑުގެ ފަރާތުން އަޅުގަނޑުމެންގެ ޤައުމަށް ބޭނުންވާ ކަންކަން އެމީހަކަށް އެކަނި ކުރެވިދާނެ ކަމަކަށް އަޅުގަނޑަށް ޤަބޫލެއްނުކުރެވެއެވެ. ތެދެކެވެ. އޭނާ އަމިއްލައަށް ވަޒީރާކާ ސުވާލު ކުރެވިދާނެއެވެ. ނަމަވެސް ކޮމެޓީއަކަށް ހޮވެންވިޔަސް، ބިލެއް އިސްލާހް ކުރަންވިޔަސް، ބިލެއް ބޭރުކުރަންވިޔަސް ، ޕެޓިޝަނެއް މަޖިލީހުގައި ބަހުސް ކުރަންވިއަސް، މިކަމަށް އިތުރު ބައެއްގެ އެއްބާރުލުން ނުލިބޭކަމަށް ވަންޏާ، އެކަމެއް އޭނާއަކަށް ނުކުރެވޭނެއެވެ. އަދި މިހެން މީހަކު ހޮވިއްޖެނަމަ، އޭނާ ވާހަކަ ދައްކާނީ ކޮންކޮން ކަންކަމަކާ ބެހޭ ގޮތުންކަންވެސް، ނުވަތަ އޭނާ ތާއިދު ކުރާނީ ކޮންކޮން ކަމަކަށްތޯ، ކުރިން ވޯޓްލާ މީހާއަށް އެނގޭނެ ގޮތެއް ނޯވެއެވެ. އޭނާ ކޮންމެ ގޮތަކަށް ވޯޓްލީ ކަމުގައިވިޔަސް އޭނާއަށް ވޯޓްދީގެން ގޮނޑީގައި ބޭންދީ މީހާއަށް ބުނެވޭނެ އެއްޗެއްނޯވެއެވެ.
މިހާ ޚިލާފަށް، ޕާޓީ ޓިކެޓް ލިބިގެން، ވޯޓް ލިބިގެން ގޮނޑީގައި އިށީދެވަޑައިގަންނަވާ ބޭފުޅުން، ޕާޓީގެ ސިޔާސަތުތަކަށާއި ޕާޓީގެ ޤަވާއިދުތަކަށާއި އުސޫލުތަކަށް، ތާއިދު ކުރައްވާނެއެވެ. ތެދެކެވެ. މެންބަރަކު އިންތިޚާބު ވުމަށްފަހު ޕާޓީން ވަކިވެ އެހެން ޕާޓީއަކާއި ގުޅިވަޑައިގަންފާނެ ކަންނޭގެއެވެ. ނަމަވެސް، މިހާތަނަށް މިހެން އެއްވެސް ބޭފުޅަކު ކަންކުރައްވައިގެން އެބޭފުޅަކަށް މާބޮޑު ކާމިޔާބީތަކެއް ލިބުނުތަން ފެނިފައެއް ނުވެއެވެ. ވުމާއިއެކު، މިފަހަރު އެއް ޕާޓީން ވަކިވެ އަނެއް ޕާޓީއާއި އިންތިޚާބީ ދައުރެއްގެ މެދުތެރެއިން ގުޅިވަޑައިގަންނަވާފާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވެއެވެ.