ފަޅުގޮވާންކުރުން ކަނޑުން ޝިކާރަކުރުމާއި ވާދަކުރެވޭނެކަމުގައި ރައީސް ނަޝީދު ފާހަގަކުރައްވައިފި

އިންސާނާ ތަހުޒީބުވެ ދިއުމުގެ އެންމެ ބޮޑު އެއް ފާހަގަ އަކީ ޝިކާރަކުރުމުގެ މައްޗަށް ގޮވާންކުރުން އިސްކުރެވުން ކަމަށާއި، ކަނޑުތަކުން މަސްބޭނުންވެސް ހިމެނެނީ ޝިކާރަކުރުމުގައި ކަމަށާއި، މެރިކަލްޗަރ ނުވަތަ ފަޅުގޮވާންކުރުމުން ކަނޑުން ޝިކާރަކުރުމާއި ވާދަކުރެވޭނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ.

ނޫނު އަތޮޅު ކެނދިކުޅުދޫގައި މިއަދު ހަވީރު 4:30 ގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި ރައީސް މުހަންމަދު ނަޝީދު މެރިކަލްޗަރގެ އެމްޑީޕީ ސިޔާސަތު މުޅި ރާއްޖޭގައި އެއްފަހަރާ އިފްތިތާހްކޮށްދެއްވަމުން ވިދާޅުވީ ޒަމާނުއްސުރެ ފަޅު ފަރުތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި މިރާއްޖޭގައި ނެގޭ ކަމަށާއި ރާއްޖޭގެ ފަރުތަކުން ހިލާ ބޮލީގެ އަގު ވަރަށް މަތީ ދުވަސްވަރު އަދި އެބޮލި ފައިސާގެ ގޮތުގައި ބޭނުންކުރެވުނު ދުވަސްވަރު ފާހަގަކުރެއްވޭ ކަމަށެވެ. މިރާއްޖޭގައި ހުއިފިލަނޑަ އާއި ފާނަ އާއި ބޯވަދިލަމަހުގެ ފަދަ ކަނޑުރޯދިން ނަފާ ހޯދުމުގެ މަސައްކަތްތައް އައީ ކުރެވެމުންކަމަށާއި، މެރިކަލްޗަރއާއި ބެހޭ ދިރާސާ ތައް 2009 ވަނަ އަހަރުންފެށިގެން ކުރިއަށްވުރެ މާބޮޑުގޮތެއްގައި ކުރެވިފައި އެބަހުރި ކަމަށާއި އެކަންކަމުން މިއީ މިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެއްވޭނެ މަސައްކަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އާލާކުރެވިދާނެ ފަޅުގޮވާމުގެ ގޮތުގައި ހުއިފިލަނޑާ، އިތާ، އިތާމުތް، ގާހަކަ، މޫދުހުއި، ފާނަ އާއި ނަލަރީތި ކުދިމަހާއި އަދި އެހެން މަހުގެ ބާވަތްތައް ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ ރަށަކާމެ ކަނޑުގާތްކަމުން ފަޅު ކުދި ރަށްރަށުގައި ރަށުތެރޭގެ ޓޭންކްތަކުގައިވެސް ބައެއް ބާވަތްތައް އާލާކުރުމުގެ މަސައްކަތް ހިންގިދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ކުދިމަސް އާލާކުރުމާއި އެންވެރިކަން އާލާކުރުމުގައިވެސް އެންމެ ބޭނުންތެރިވެފައިވަނީ މިކަންކަމުގެ މަތީ ތަޢުލީމު ކަމުގައި ފާހަގަ ކުރައްވަމުން ލަހެއްނެތި ހާހެއްހާ މަތީތައުލީމުގެ ފުރުޞަތު މެރިކަލްޗަރުގެ ދާއިރާއިން އިރާދަފުޅާއެކު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމަސައްކަތަށް މެދުވެރިވެދާނެ ބައެއް ދަތިތައް ހައްލުކުރެއްވުމަށް ރާއްޖޭގައި އެބާވަތްތަކުގެ މާދިރީ ވިއްސައި މުޑުވައް ގިނަކުރެވޭނެ މަރުކަޒު ނުވަތަ “ހެޗަރީ” ގާއިމް ކުރެއްވުމާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް ވަށައިގެންވާ ވެށި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގޮތުން ކަމާބެހޭ ކަރަންޓީނު މަރުކަޒު ހިންގަވާނެ ކަމުގައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ. މި މަސައްކަތްތަކުން ތަމްރީނުގެ ފުރުޞަތުތަކާއި ދެހާހެއްހައި އިތުރު ވަޒީފާ އުފެދިގެންދާނެކަމަށާއި މި ރާއްޖޭގެ އެކްސްޕޯޓް އާމްދަނީއާއި ދައުލަތުގެ ޓެކްސް އާމްދަނީ އެތައްގުނައަކުން ބޮޑުވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މެރިކަލްޗަރ އަށް ޚާއްޞަކުރެވިގެން މަސްވެރިކަމުގެ ސިނާއަތަށް މާލީ އެހީތެރިކަމުގެ އިތުރުން 200 މިލިއަން ރުފިޔާގެ ލުއި ލޯނު ސަރުކާރުން ހަމަޖެއްސެވުން އެއީ މިސިޔާސަތުގެ މުހިންމު ބައެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުހަންމަދު ނަޝީދު ނޫނު އަތޮޅު ކެނދިކުޅުދޫގައި މެރިކަލްޗަރ ވިޔަފާރީގެ އެމްޑީޕީ ސިޔާސަތު މިއަދު އިފްތިތާހްކޮށްދެއްވުމާއިއެކު އޭގެ ހަމަ ކުޑަވަގުތުކޮޅެއްފަހުން ރާއްޖޭގެ އަނެއް 18 އަތޮޅާއި ވިލިމާލެއާއި އައްޑޫ ސިޓީގައިވެސް ވަނީ ކަމާއިގުޅޭ ހަފްލާ ބޭއްވިފައެވެ. ހަމައެއާއިއެކު އެމްޑީޕީ ގެ އާންމު ޖަލްސާތައް އެހުރިހާ ސަރަހައްދެއްގައި މިރޭ ކުލަގަދަގޮތެއްގައި ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.