އެމްޑީޕީ ސަރުކާރެއްގައި މެރިކަލްޗަރ ވިޔަފާރީގެ ޤައުމީ ސިޔާސަތު ރާއްޖޭގެ 21 ސަރަޙައްދެއްގައި މިއަދު އިފްތިތާޙް ކޮށްފިއެވެ. ނ. ކެނދިކުޅުދޫގައި އެމްޑީޕީން ބޭއްވި ޚާއްޞަ އިޙްތިފާލެއްގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. އެއަށްފަހު ރާއްޖޭގެ 18 އަތޮޅާއި 2 ސިޓީގައި މިކަން ފަށްޓަވައި ދެއްވީ އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.
މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން އެކިރަށް ރަށުގައި ބޭއްވި ބައްދަލުވުން ތަކުގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި މެރިކަލްޗަރ ވިޔަފާރިއަކީ ރާއްޖޭގެ ކަނޑުފަޅުގައި ކުރެވިދާނެ ފައިދާހުރި މަސައްކަތެއް ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެއ އިޤްތިޞާދުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންމެ ބައިވެރިކޮށްގެން އެރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުތައް ފަހިކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި މި މަސައްކަތް އާލާކޮށް ދިރުވުމަށްޓަކައި ވަޞީލަތްތައް ޤާއިމްކޮށްދިނުމާއި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ފަންނީ މީހުން ބިނާ ކުރަމުން ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ މެރިކަލްޗަރ ވިޔަފާރީގެ ސިޔާސަތުގެ ދަށުން އަމާޒަކީ ހަމައެކަނި ހުއިފިލަނޑާގެ 60 މަޝްރޫޢު ހިންގައި 5 އަހަރު ތެރޭގައި 1.05 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް ވެއްދުމެވެ. އަދި މިމަސައްކަތުން ގާތްގަނޑަކަށް 1800 މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެން ދިއުމެވެ.
ރާއްޖޭގެ އެކިރަށްރަށުގައި މިއަދު އިފްތިތާޙް ކުރެވިގެންދިޔަ އެމްޑީޕީގެ މެރިކަލްޗަރ ސިޔާސަތާއި ބެހޭގޮތުން ރަށްރަށުގައި މައުލޫމާތު ދިނުމާއި ރަށްރަށުގެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި މައުލޫމާތު އެކުލެވޭ ލުއިފޮތް ބެހުމާއި އަދި ކަމާގުޅޭ ތަޖްރިބާކާރުންގެ މައުލޫމާތު ހިއްސާކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.