އެމްޑީޕީގެ ކެމްޕެއިން ލީޑަރުންނާއި ޓީމްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް

mdp_mariculture_web_image

މިއަދު ހަވީރު ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އެއްފަހަރާ އިފްތިތާހްކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ވިޔާފާރީގެ އެމްޑީޕީ ސިޔާސަތު ހާމަކުރެއްވުމަށް އެމްޑީޕީގެ ކެމްޕެއިން ލީޑަރުންނާއި ޓީމްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ފުރާފައެވެ. ” އަޅުގަނޑު މިއަދު އުފާކޮށް ހަމްދުކުރަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއްފަހަރާ އެމްޑިޕީގެ ސިޔާސަތު އިފްތިތާހް ކޮށްލުމުގެ ވިއުގަ އާއި، މަގްބޫލް ކެމްޕެއިން ލީޑަރުންނާއި މަޖިލީހު މެމްބަރުންނާއި، ހުނަރުވެރިކަމާއި މުރާލި ކަމާއި ގާބިލްކަން އަޅުގަނޑުމެންގެ ޕާޓީން މިފުރުޞަތުގައި މުޅި ރާއްޖެއަށް ހާމަކޮށްލެވޭތީ” ކަމުގައި ވިދާޅުވެ ރައީސް މުހަންމަދު ނަޝީދުވަނީ ކެމްޕެއިން ލީޑަރުންނަށާއި އެމްޑީޕީގެ ޓީމްތަކަށް ސާބަސް ދެއްވައި ތަޢުރީފްކުރައްވާފައެވެ.

މެރިކަލްޗަރގެ އެމްޑީޕީ ސިޔާސަތު މުޅި ރާއްޖޭގައި އެއްފަހަރާ އިފްތިތާހްކޮށްދެއްވާނީ ނޫނު އަތޮޅު ކެނދިކުޅުދޫގައި މިއަދު ހަވީރު 4:30 ގައި ބޭއްވޭ ކުލަގަދަ ރަސްމިއްޔާތެއްގައި ރައީސް މުހަންމަދު ނަޝީދު ކަމަށާއި ހަމަ އެވަގުތުގެ ކުޑައިރުކޮޅެއް ފަހުން ރާއްޖޭގެ 19 އަތޮޅާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި އެމްޑީޕީގެ ކެމްޕެއިން ލީޑަރުންނާއި ޓީމްތަކުން މެރިކަލްޗަރ ސިޔާސަތު އިފްތިތާހްކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ ކަމުގައި އެމްޑީޕީ ރިޔާސީ ކެމްޕެއިން ޓީމުން ފާހަގަކުރައްވައެވެ. ހަމަ އެއާއިއެކު ހަމައެރޭ އެކަމާއި ގުޅޭ އެމްޑީޕީގެ އުފާވެރި ޖަލްސާ ތައް އެރަށްރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނ. ބ. ޅ ހިމެނޭ ދާއިރާގެ ކޯޑިނޭޓަރަކީ ރައީސް ނަޝީދު ސަރުކާރުގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމެވެ. އެދާއިރާގެ އިތުރު ލީޑަރުންގެ ގޮތުގައި އެމްޑިޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހަންމަދު ޞޯލިހު އަދި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ މުހަންމަދު މާޙިރު ޢީސާ އާއި އެންޑީ ޢަބްދުލް އަޒީޒު އަދި ޢަލީ ފާއިޒު މަސައްކަތްކުރައްވައެވެ. ނ. ކެނދިކުޅުދޫ ޖަލްސާގެ ޝަރަފުވެރިއަކީ ރައީސް މުހަންމަދު ނަޝީދެވެ. ބ. އަތޮޅު ތުޅާދޫގައި ޝަރަފްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރ މުހަންމަދު ޠޯރިގެވެ. ޅ. ކުރެންދޫގައި ބާރަށު ދާއިރާގެ މެމްބަރު މުހަންމަދު ޝިފާޒެވެ. ހއ. އަދި ހދ ކޯޑިނޭޓް ކޮށްދެއްވަނީ ރައީސް ނަޝީދު ސަރުކާރުގެ ތަޢުލީމާ ބެހޭ ވަޒީރާ ޝިފާ މުހަންމަދެވެ. ހއ. ބާރަށުގެ ޝަރަފްވެރިއަކީ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދެވެ. ހދ. މަކުނުދޫގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ. ށ.ރ އަދި ލ ދާއިރާތަކުގެ ކޯޑިނޭޓަރަކީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އުސްތާޛާ މާރިޔާ އަހުމަދު ދީދީ އެވެ. ށ. މިލަންދޫގައި މެރިކަލްޗަރ ސިޔާސަތު އިފްތިތާހްކުރެވުމާއެކު ބޭއްވޭ ޖަލްސާގެ ޝަރަފްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމެވެ. ރ. އަލިފުށީގައި ބޭއްވޭ ހަފްލާ އާއި ރަސްމިއްޔާތުގެ ޝަރަފްވެރިއަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރެވެ އަދި ލ. މާމެންދޫގެ ހަފްލާއާއި ރަސްމިއްޔާތު ގެ ޝަރަފުވެރި މެހެމާނާ އަކީ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ.

ކ އަތޮޅުގެ ދާއިރާ ގެ ކޯޑިނޭޓަރ އިރުފާން ޒަކީ އަދި ކެމްޕޭން ލީޑަރުން ކަމުގައި ޢަބްދުﷲ ޖާބިރާއި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނސްޓަރ މުހަންމަދު ފިރާގް ވެސް ވަނީ އަތޮޅުތެރެއަށް ފުރާވަޑައިގެންފައެވެ. ކ. ދިއްފުށީގެ އިފްތިތާހީ ހަފްލާއާއި ޖަލްސާގެ ޝަރަފުވެރިއަކީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ޢަބްދުﷲ އެވެ. އއ. އދ. އަދި ވ ގެ ކޯޑިނޭޓަރަކީ އެމްޑީޕީގެ ކެމްޕެއިން ކޮމިޓީ މެމްބަރ މުހަންމަދު ޝަފީގެވެ. ކެމްޕެއިން ލީޑަރުންގެ ގޮތުގައި ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދާއި އެމްޑީޕީ އަންހެނުނުންގެ ރޫހުގެ އައިޝަތު ޖެނިފަރ މަސައްކަތްކުރައްވައެވެ. އއ. މާޅޮހުގައި ހަފްލާއާއި އުފާވެރި ޖަލްސާގެ ޝަރަފްވެރިއަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އދ. މާމިގިލީގައި އިހްތިފާލުތައް ޝަރަފްވެރިކޮށްދެއްވާނީ އައްޑޫ ސިޓީގެ ހިތަދޫ މެމްބަރ މުހަންމަދު އަސްލަމެވެ.

ތ. އަތޮޅު ކޯޑިނޭޓް ކޮށްދެއްވަނީ ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގް އެންޑް އެންވަޔަރަންމެންޓް މިނިސްޓަރ މުހަންމަދު އަސްލަމެވެ. އެއަތޮޅުގެ އެހެން ޓީމް ލީޑަރުންގޮތުގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުހަންމަދު މުސްތަފާ އާއި ސެންކޯ (ކެޕްޓަން) މުހަންމަދު ޝަރީފް އަދި ރައީސް ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރ ހަސަން އަފީފް މަސައްކަތްކުރައްވައެވެ. ވ. އަތޮޅާއި ފ. އަތޮޅު ކޯޑިނޭޓް ކުރައްވަނީ ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުހަންމަދު ޝިހާބެވެ. އދި އިތުރު ޓީމް ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ މުހަންމަދު ޢާދިލް މަސައްކަތްކުރައްވައެވެ. ވ. ކެޔޮދޫގައި ބޭއްވޭ އިފްތިތާހީ ހަފްލާ އާއި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ރުގިއްޔާ މުހަންމަދާއި ހުސައިން ވަހީދެވެ. މ. ވޭވަށުގައި ބޭއްވޭ އިހްތިފާލުތަކުގެ ޝަރަފުވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު އަހްމަދު ހަމްޒާއެވެ. ފ. ފީއަލީގައި ހޯރަފުށީގެ މެމްބަރު އަހްމަދު ރަޝީދެވެ އަދި ދ. ބަނޑިދޫގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ. ތ. ހިރިލަންދޫގައި ބޭއްވޭ ހަފްލާތަކުގެ ޝަރަފްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު ނާޒިމް ރަޝާދެވެ.

ގއ. އަދި ގދ. އަތޮޅު ގެ ކޯޑިނޭޓަރަކީ ރައީސް ނަޝީދު ސަރުކާރުގެ ޞިއްހަތާއި ބެހޭ ވަޒީރާ އައިމިނަތު ޖަމީލެވެ. ގއ. ގެމަނަފުށީގައި ޝަރަފްވެރިއަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ އެވެ. އަދި ގއ. ގައްދޫގައި މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާއެވެ. ފުވައްމުލަކު ދާއިރާ ކޯޑިނޭޓަރަކީ ރައީސް ނަޝީދު ސަރުކާރުގެ ނެޝަނަލް ސިކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލެވެ. އެރަށުގެ އިފްތިތާހީ ހަފްލާއާއި ޖަލްސާގެ ޝަރަފުވެރިއަކީ ދިއްދޫ ދާއިރާގެ މެމްބަރ އަޙްމަދު ސަމީރެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ އައްޑޫ ސިޓީ އަދި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ މުހަންމަދު ރަޝީދު މާލެ ދާއިރާ ކޯޑިނޭޓް ކޮށްދެއްވާއިރު މަރަދޫގައި ބޭއްވޭ ޖަލްސާ ދާންދޫ ދާއިރާގެ މެމްބަރ މުހަންމަދު ރިޔާޒު އަދި ވިލިމާލެ އިހްތިފާލުތައް އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު ޝަރފުވެރިކޮށްދެއްވުމަށް އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ.