ރައީސް މުހަންމަދު ނަޝީދު އެމްޑީޕީ “ފަޅުގޮވާން” ވާރކްޝޮޕް ގައި ފަންނީ މަޢުލޫމާތާއި މަޝްވަރާ ބަދަލުކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ނޫނު އަތޮޅޫ ކެނދިކޮޅޫދޫގައި އެމްޑީޕީން އިންތިޒާމްކުރި”ފަޅުގޮވާން” ވާރކްޝޮޕް ގައި ފަންނީ މަޢުލޫމާތާއި މަޝްވަރާ ބަދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ މެރިކަލްޗަރ ވިޔާފާރީގެ އެމްޑީޕީ ސިޔާސަތު މިއަދު ހަވީރު އެރަށުގައި ބޭއްވޭ ހަފްލާއެއްގައި ގައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވުމަށެވެ. ކުރީން ހަވީރު 4:00 އަށް ތާވަލްކުރެވިފައިވާ މިރަސްމިއްޔާތު ނޫނުއަތޮޅު ކެނދިކުޅުދޫގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި ކަމަށް އެރަށުގެ އިންތިޒާމްޓީމުން އަންގަވާފައިވެއެވެ.

މިއަދު ހެނދުނު 10:30 އިން 12:00 އަށް ކެނދިކުޅުދޫގައި ކުރިއަށް ގެންދެވުނު އެމްޑީޕީގެ “ފަޅުގޮވާން” ވާރކްޝޮޕް ގައި މެރިކަލްޗަރގެ ވިޔާފާރި ކުރައްވާ ބައެއްފަރާތްތަކުންނާ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތަތަކުން ބައިވެރިވެލެއްވިއެވެ. މެރިކަލްޗަރއާއ ބެހޭ ދިރާސާ ތައް މިހާރުވެސް ކުރެވިފައި އެބަހުރި ކަމަށާއި އެކަންކަމުން މިއީ މިރާއޖޭގައި ފުޅާ ދާއިރާއެއްގައި ކުރެއްވޭނެ މަސައްކަތެއްކަމުގައި ރައީސް ނަޝީދު މިވާރކްޝޮޕްގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ފަޅުގޮވާމުގެ ގޮތުގައި ހުއިފިލަނޑާ، އިތާ، އިތާމުތް، ގާހަކަ، މޫދުހުއި، ފާނަ އާއި އަދި އެހެން މަހުގެ ބާވަތްތައް ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމަސައްކަތަށް މެދުވެރިވެދާނެ ބައެއް ދަތިތައް ހައްލުކުރެއްވުމަށް ރާއްޖޭގައި އެބާވަތްތަކުގެ މާދިރީ ވިއްސައި ގިނަކުރެވޭނެ މަރުކަޒު ނުވަތަ “ހެޗަރީ” ގާއިމް ކުރެއްވުމާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް ވަށައިގެންވާ ވެށި ބެލެހެއްޓުމުގެ ގޮތުން ކަމާބެހޭ ކަރަންޓީނު މަރުކަޒު ހިންގަވާނެ ކަމުގައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ. މި މަސައްކަތްތަކުން ތަމްރީނުގެ ފުރުޞަތުތަކާއި ދެހާހެއްހައި އިތުރު ވަޒީފާ އުފެދިގެންދާނެކަމަށާއި މި ރާއްޖޭގެ އެކްސްޕޯޓް އާމްދަނީއާއި ދައުލަތުގެ ޓެކްސް އާމްދަނީ އެތައްގުނައަކުން ބޮޑުވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މެރިކަލްޗަރ އަށް ޚާއްޞަކުރެވިގެން މަސްވެރިކަމުގެ ސިނާއަތަށް މާލީ އެހީތެރިކަމުގެ އިތުރުން 200 މިލިއަން ރުފިޔާގެ ލުއި ލޯނު ހަމަޖެއްސެވުން އެއީ މިސިޔާސަތުގެ މުހިންމު ބައެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ މެރިކަލްޗަރ ސިޔާސަތުގެ އަމާޒަކީ އަމިއްލަ ފަރާތްތަކަށް މި ދާއިރާއިން ފުރުޞަތުތައް ހުޅުވާލެއްވުން ކަމަށާއި މި ގޮތުން ފަސް އަހަރުގެ ދައުރުގެ ތެރޭ މެރިކަލްޗަރގެ ވިޔާފާރިކުރައްވާ އިތުރު 60 ފަރާތަކަށް މި ދާއިރާގައި ހަރަކާތްތެރިވެލައްވަން ފެއްޓެވިދާނެކަމަށް ޕޮލިސީ ޓީމުން އަންދާޒާކުރައްވާ ކަމުގައި އެމްޑީޕީ ފަޅުގޮވާން ވާރކްޝޮޕްގެ ބައިވެރިން ފާހަގަ ކުރެއްވިއެވެ.