21 ރަށެއްގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފި

ލިޔުނީ: ޝަހީދާ

mdp_mariculture_web_image

“ރައީސް ނަޝީދު2013 ” ކެމްޕެއިންގެ މެނިފެސްޓޯގައި ހިމެނޭ އެއް ސިޔާސަތު ކަމުގައިވާ ” ރާއްޖޭގައި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު” އިފްތިތާހް ކުރުމަށްޓަކައި މާލެ ސިޓީގެ ވިލިމާލެ އާއިއެކު ރާއްޖޭގެ 20 ރަށަކަށް ޓީމުތައް ފުރައިވިއެވެ.

މިއަދު ) 20 އޭޕްރީލް 2013. ހޮނިހިރު ( ހަވީރު 4ޖަހާއިރު ރާއްޖޭގެ ތަފާތު 21 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރަން ފަށާއިވަނީ އެމްޑީޕީން ރޭ ކާނިވަލު ސަރަހައްދުގައި ބޭއްވި ޚާއްޞަ ޖަލްސާއަށް ފަހުގައެވެ. އަދި މިއަދު ހެނދުނު 10ޖެހުމުގެ ކުރިން ހުރިހާ ޓީމުތައް އެބައެއްގެ މަންޒިލަށް ވަނީ ދަތުރު ކުރަން ފަށާފައެވެ.

މިގޮތުން މިއަދު މި ޓީމުތަކުން ދަތުރުކުރާ ރަށްތަކަކީ ހއ. ބާރަށް، ހދ. މަކުނުދޫ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ޅ. ކުރެންދޫ، ކ. ދިއްފުށި، އއ. މާޅޮސް، އދ. މާމިގިލި، ވ. ކެޔޮދޫ، މ. ވޭވަށް، ފ. ފީއަލި، ދ. ބަނޑިދޫ، ތ. ހިރިލަންދޫ، ލ. މާމެންދޫ، ގއ. ގެމަނަފުށި، ގދ. ގައްދޫ، ޏ. ފުއައްމުލައް، އަދި އައްޑޫ ސިޓީއިން، މަރަދޫ އަދި މާލެ ސިޓިގެ ވިލިމާލެއެވެ.

ނ. ކެނދިކުޅުދޫގައި ބާއްވާ ޙަފްލާއަށް ނ. އަތޮޅުގެ ރައްޔިތުންނާއި ރާއްޖޭގަ މެރިކަލްޗަރ ވިޔަފާރި ކުރައްވާ އެންމެހާ ފަރާތްތަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ދަޢުވަތު އަރުވާފައެވެ. އަދި މީގެ އިތުރުން މި ސިޔާސަތު އިފްތިތާޙް ކުރެވޭ އެންމެހާ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތި އިފްތިތާޙް ކުރާ ރަށްރަށުގައި ބާއްވާ ޙަފްލާއަށް ދަޢުވަތު ވަނީ އަރުވާފައެވެ.