ޕާޓީން ހަމަ އެކަނި މަޖުބޫރު ކުރެވޭނެ ކަމަކީ ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތަށް ޕާޓީ ހިންގުމެވެ.

އަޅުގަނޑު އެމްޑީޕީ އޮފީހުގައި އިންނައިރު ވަރަށް ގިނަ ފަރާތްތަކުން މަޤާމާއި ވަޒީފާގެ މައްސަލަތަކުގައި ވަޑައިގަނެއެވެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ މިއޮތީ ރިޔާސީ ނިޒާމެކެވެ. 3 ބާރު ވަނީ ވަކިވެފައެވެ. ޕާޓީތެރޭގައި ބޭއްވުނު ޕްރައިމެރީޒްއެއްގައި ތިޔަ ބޭފުޅުން ވަރަށް މަތީ އަޣްލަބިއްޔަތަކުން ތިޔަ ބޭފުޅުންގެ ސަރުކާރު ހިންގެވުންވަނީ ގ. ކެނެރީގެ މުހައްމަދު ނަޝީދާއި ހަވާލުކުރައްވާފައެވެ. އެމަނިކުފާނުގެ މައްޗަށް ޕާޓީން ހަމަ އެކަނި މަޖުބޫރު ކުރެވޭނެ ކަމަކީ ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތަށް ޕާޓީ ހިންގުމެވެ.

ރައީސް ނަޝީދު ސަރުކާރާއި ހަވާލުވެވަޑައިގަތީ މުޅި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރު ހިންގެވުމަށެވެ. މާތްރަސްކަލާނގެ ގަންދީ ހުވާ ކުރައްވާފައެވެ. އެމްޑީޕީން ނިކުތީ ޑީއާރޕީން ސަރުކާރު ހިންގި ގޮތަށް ޑީއާރޕީ ފިޔަވާ އެހެން އެންމެންނަކީ ދިވެހި ރައްޔިތުން ނޫން ކަމަށް ޤަބޫލުކުރެވޭފަދަ ހާލަތެއްގައި ސަރުކާރު ހިންގުމަކަށް ނޫނެވެ. ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރު ހަވާލުކުރީ މޮހޮނަށް އޮޑި ދޭގޮތަކަށް ނޫނެވެ. އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން މުޅި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްޕުޅު ކުރެއްވުމަށެވެ.

އެމްޑީޕީގައި ފެށުނީންސުރެން ސޮއިކޮށްގެން މަސައްކަތް ކުރަމުން އައި ހިތްވަރުގަދަ ފަހުލަވާނުންތަކެކެވެ. ޤައުމުގެ ބަތަލުންނާއި ބަތަލާއިންކަމަށް ރައްޔިތުން ބަލައިގަންނަ ބަޔެކެވެ. 30 އަހަރުވީ ވެރިކަމެއް ރައްޔިތުންނަށް ހެޔޮ ނުވެވުމުން އެވެރިކަމުގެ އާރާއި ބާރުގައި ތިއްބާ ނުކުމެ ބޭރުކުރި ބަޔެކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މާތްﷲ އަޅުގަނޑުމެންނަށް އެ ކާމިޔާބު ދެއްވީ އަޅުގަނޑުމެން ނިޔަތް ރަނގަޅުވީމައެވެ. މަޤާމާއި ވަޒީފާއެއްދޭ ކޮންމެ ފަހަރަކު ވަކި ވަކިން ކޮންމެ މީހެއްގެ ގާތުގައި މިމަޤާމް ނުވަތަ ވަޒީފާއެއް ދިނުން ޤަބޫލުތޯ އެހުމަކީ ކުރެވިދާނެ ކަމެއްނޫނެވެ.

އެމްޑީޕީ އަކީ ދިވެހި ރައްޔިތުންނަށް ފުރުސަތު ހޯދައިދީ އަދި ހުރިހާ ރައްޔިތުންނަށް ފުރުސަތު އޮންނަ ޕާޓީއެއްކަމަށް އެބަ ވާންޖެހެއެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ވިޔަސް އެހެން ޕާޓީއެއްގައި ހުރެފައި ވިޔަސް މިޕާޓީއަށް ސޮއި ކުރުމުން ހެޔޮ ހިތުން އެމީހުން ބަލައިގަންނަ ޕާޓީއަކަށް އެބަ ވާންޖެހެއެވެ. ސިޔާސީ ދުރުވިސްނުމާއި ހިކްމަތް ގެންގުޅޭ ޕާޓީއަކަށް އެބަ ވާންޖެހެއެވެ. ރައީސް ނަޝީދު އަދި ސަރުކާރާއި ހަވާލުވެވަޑައިގަތްތާ އަދި ވީ ގާތްގަޑަކަށް 2 މަހެވެ. ނަމަވެސް 65 އަހަރަށްވުރެ މަތީ މީހުން ހޮސްޕިޓަލަށް ދިޔުމުން ދައްކާލަން ޖެހެނީ އައިޑީ ކާޑެވެ. އެހެން ހުރިހާ ކަމެއް ހިލެއެވެ. 65 އަހަރުވީ މީހުން 2000 ރ. ދިނުމަށް ފޯމް ފުރަން ވިޔަސް އެމީހުން ސަރުކާރު އޮފީސްތަކަށް ބުރިބުރިއަށް އަރަން ނުޖެހި ގެއަށް މީހުން ގެންގޮސްގެން ފޯމް ފުރުވައެވެ. އަހަރަކު 24،000 ރ ލިބޭނެ ގޮތްވެއެވެ. ދުވަސްވީ މީހުންނަށް އަޅާލުމަކީ ހެޔޮވެރިކަމުގެ ބިންގާކަމަށް ޤަބޫލު ކުރަންޖެހެއެވެ. މާތްﷲ އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ.