ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީ އާއި މިއަދު ގުޅިވަޑައިގެންފި

shahid

ރައްޔިތުންގެ މަޖިލީހުގެ ވ. ކެޔޮދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި މިއަދު ގުޅިވަޑައިގެންފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ މެންބަރުގެ ކޮޓަރިކޮޅުގައި އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ޢަބްދުﷲ ޝާހިދުވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

އަދި މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މޫސަ ވިދާޅުވީ ޢަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމް މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅުއްވާނެ ކަމަށެވެ. މޫސަ ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި “އާ ބާރެއް” މިނަމުގައި އެމްޑީޕީން ބާއްވާ ޚާއްޞަ ޖަލްސާގައި ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.