މިއަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ކުރިމަގު އުޖާލާކުރުމަށް މުޙިންމުވާ އިންތިޚާބެއް ނޫންކަމަށާއި އެއީ އެއަށްވުރެ މާ މުޙިންމު އިންތިޚާބެއްކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ކުރިމަގު އުޖާލާކުރުމަށް މުޙިންމުވާ އިންތިޚާބެއް ނޫންކަމަށާއި އެއީ އެއަށްވުރެ މާ މުޙިންމު އިންތިޚާބެއްކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މުޙަންމަދު ނަޝީދު މިހެން ވިދާޅުވީ ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި މިއަދު ތަޤްރީރުކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ތަޤްރީރުގައި، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު މުޙިންމުވާ މައިގަނޑު އަސާސްއަކީ ޑިމޮކްރަސީކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ، އެ އިންތިޚާބު މުޙިންމު ވަނީ ރައްޔިތުންގެ މައްޗަށް ވެރިކަންކޮށްދިނުމުގެ އަސާސީ ހައްޤުވެސް އެކުލެވޭތީކަމަށާއި އަދި އެއީ ބަޑީގެ ބޭނުންކޮށްގެން ކުރާ ވެރިކަމެއް ނޫންކަމަށާއި ނަމަވެސް ރައްޔިތުންނަށް ލިބިފައިވާ ޑިމޮކްރެޓިކް ހައްޤުގެ ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ވިސްނުމުގައި ވޯޓު ފޮށި ބޭނުންކޮށްގެން ކުރާ ވެރިކަމެއްކަމަށްވެސް ރައީސް ނަޝީދުގެ ތަޤްރީރުގައި ވިދާޅުވިއެވެ.

މި އިންތިޚާބު މުޙިންމުވާ އެހެން ބައެއް ސަބަބުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ތަޤްރީރުގައި އަލިއަޅުވާލެއްވިއެވެ. “މިއީ އަޅުގަނޑުމެންގެ ދަރިންނަށް ހަމަޖެހުމާއެކު ބޮޑުވެވޭނެ މާހަޢުލަކާ ގުޅޭ އިންތިޚާބެއް. މިއީ އަޅުގަނޑުމެންގެ މަންމައިންނަށް ރޭގަނޑު އަރާމުކޮށްލުމާ ގުޅިފައިވާ އިންތިޚާބެއް. މިއީ 15 އަހަރުގެ އަންހެން ކުއްޖާ ތަފާތު އެތައް ފަހަރަކު އެ ކުއްޖާގެ ދޮންބައްޕަ ރޭޕްކޮށް އަދި އެ ކުއްޖާ ވިހެއުމުން، އެ ކުއްޖާގެ މަންމައާއި ދޮންބައްޕަ ވެގެން އެ ކުއްޖާ ވިހޭ ދަރިފުޅު މަރާލި މަންޒަރު ބަލަން އެކުއްޖާއަށްޖައްސާ، އަދި އަދުލް އިންޞާފާއި އިންސާނީ އަފާފްއާއި މުޅީން ޚިލާފަށް އެކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ޘާބިތުކޮށް އަދި އެކުއްޖާގެ ގައިގައި ހައްދުޖެހުމަށް ރާއްޖޭގެ ކޯޓަކުން ކުރި ޚުކުމާ ގުޅިފައިވާ އިންތިޚާބެއް. މިއީ ޑިމޮކްރަސީ ނެތުމުން އޭގެ ވޭން ބަރުދާސްތުކުރަންޖެހިފައިވާ މީހުންނާ ގުޅިފައިވާ އިންތިޚާބެއް”، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

ކުރިއަރަމުން އަންނަ ތަޙްޒީބީ މުޖްތަމަޢުއެއްގެ ޚާއްޞަ ސިފަތަކަކީ، ސިޔާސީ ކިތަންމެ ބޮޑު މަންފާއަކަށްޓަކައި ނަމަވެސް އިންސާނީ ހައްޤަކަށް އަރައިނުގަނެ އެ ހައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ނާ އިންޞާފުގެ ކުރިމަތީގައި ނޫނެކޭ ބުނުމާއި، ޑިމޮކްރަސީގެ މައްޗަށް އިރު އޮއްސެންދާ ހިނދުވެސް، އެ އަސާސްތަކުގެ ދިފާޢުގައި ޘާބިތުވެ ދެމި ހުރުންކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
ޔޫރަޕް އިއްތިޙާދުގެ ފަހަތުގައިވެސް ވާ މައިގަނޑު އަސާސްތަކަކީ އެއީ ކަމަށާއި، މިދިޔަ އަހަރު ނޯބެލް ސުލްޙައިގެ އިނާމު ޔޫރަޕްގެ އިއްތިޙާދަށް ލިބުމުގެ މައިގަނޑު ޚަޞާއިޞްއަކީ، އެ އަސާސްތައްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި މިހާރު އޮތް ބަޣާވާތުގެ ވެރިކަން ޑެންމާކުން ޤަބޫލުނުކުރަނީ، ޑެންމާކުން ޑިމޮކްރެޓިކް އަސާސްތަކަށް އޮތް ކަށަވަރުކަމެއްގެ ބޮޑުކަމުންކަމުގައިވެސް ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި މިއަދު ދެއްވި ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންނާ މުޚާތަބްކުރައްވަމުން ރައީސް ނަޝީދު ވަނީ، މި ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންޞާފުވެރި، ހުރިހާ ކެނޑިޑޭޓުންނަށް ބައިވެރިވެވޭ އަދި ޞައްޙަ އިންތިޚާބަކަށް ހައްދަވައިދެއްވުމަށާއި އަދި ރައްޔިތުންގެ ނިންމުމަށް ބަޣާވާތުގެ ސަރުކާރުން އިޚްތިރާމްކުރުމަށް، ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުން އެބޭފުޅުންގެ މަޤާމުތައް ބޭނުންކުރައްވައިގެން މަސައްކަތްޕުޅުކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ނަޝީދުގެ ތަޤްރީރުގައި، ދިވެހިންގެ މައިގަނޑު އަޣްލަބިއްޔަތަކީ ތިބޭފުޅުންގެ އެކުވެރިންކަމަށާއި އަދި އެ ރައްޔިތުންވެސް ބޭނުންވަނީ ޑިމޮކްރެޓިކް އުޞޫލުތައްކަމަށާއި އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް އެފަދަ ޑިމޮކްރެޓިކް މުޖްތަމަޢުއެއްގައި ދިރިއުޅުމުގެ ހައްޤު އޮންނަން ޖެހޭކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ، ޑިމޮކްރެޓިކް ދިވެހިރާއްޖެއަކީ ހަމައެކަނި ތިބޭފުޅުންގެ އެކުވެރިއެއް ނޫންކަމަށާއި ނަމަވެސް އެއީ ތިބޭފުޅުންގެ މަސްލަޙަތުތައް ޙިމާޔަތްކޮށްދިނުމަށް ލިބޭ ކަށަވަރުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުގެ އެންމެ ފަހު އިލްތިމާސްއަކީވެސް، ތިބޭފުޅުންގެ ޤައުމުގައި ޑިމޮކްރަޓިކް ހަމަތަކާއި އަސާސްތައް ނަގަހައްޓަވާފައިވާ ފަދައިން އަޅުގަނޑުމެންގެ ރާއްޖޭގައި އެ ހަމަތަކާއި އަސާސްތައް ނެގެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާ ވާގިވެރިވެދެއްވުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި ތަޤްރީރުކުރެއްވުމަށް ޑެންމާކު ސަރުކާރުން ރައީސް މުޙަންމަދު ނަޝީދުއަށް ދެއްވި ފުރުޞަތަކީ އެމަނިކުފާނަށް ޑެންމާކުގެ ސަރުކާރުން ދެއްވި މަތީ ޝަރަފެކެވެ.