އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ ތަރައްގީއަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމުގައި ޗެއަރޕާސަން މޫސާމަނިކު ވިދާޅުވެއްޖެ

moosa fuvammulah

އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ ތަރައްގީއަށް ކެނޑިނޭޅި މަސައްކަތްކުރައްވާނެ ކަމުގައި ޗެއަރޕާސަން މޫސާމަނިކު ވިދާޅުވެއްޖެއެވެ. 14 އެޕްރީލް އާދީއްތަދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގެ އީދިގިޅި ސަރަހައްދުގައި ބޭއްވުނު އެމްޑީޕީގެ ބޮޑުޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަވިދާޅުވީ އައްޑޫ ސިޓީގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މަގުތައް ހެދުމާއި ބަނދަރުތައް ހެދުމާއި (އަދި ސާރކް ސަމިޓަށް ތައްޔާރުކުރެވުނު) ކޮންވެންޝަން ސެންޓަރުގެ ފުރިހަމަކަމާހެދި ވާދަވެރިފަރާތްތަކުން ހަސަދަވެރިވެ ކެތްނުކުރެވިގެން އެވަނީ ބޮޑުވެގެންވާ ބަޣާވަތެއް ހިންގާފަކަމަށެވެ.
އެމްޑީޕީ އަކީ އަނިޔާވެރިކަމާއި މުޅީން އިދިކޮޅު ޕާޓީއެއްކަމަށާއި، ކުރީގެ އަނިޔާވެރިކަން އިއާދަވާން އެމްޑީޕީން ފުރުޞަތު ނުދެއްވާނެކަމުގައި މޫސާ މަނިކު ވިދާޅުވިއެވެ. ހަމައެއާއިއެކު ފުލުހުންނާއި ސިފައިންގެތެރެއިން ނުކިޔަމަންތެރިވީ ބަޔަކުލައްވާ (ރައީސް އަލްއުސްތާޛު) މައުމޫނު ޢަބްދުލްގައްޔޫމު ހިންގެވި ބަޣާވަތުގައި ވެރިކަމު އަރުވާފަ ހުންނެވި ޑރ. މުހަންމަދު ވަހީދަކީ ވަރަށް ހަޞީލަތްނުބައި ބޭފުޅެއްކަމުގައި ސިފަކުރައްވައި މޫސަ ވިދާޅުވީ “ވަހީދަކީ ބަޑިބޭސް” ކަމުގައެވެ. “ބޭހާއިނުކުޅޭތި ބަޑި، ނޭގިހުއްޓާ އަނދައިދާނޭ، ގޭމަކޮޔާ ފިހިދާނޭ” ވިދާޅުވަމުން މޫސާމަނިކު ފާހަގަކުރެއްވި ގޮތުގައި “ބާޣީ ވަޙީދު” (ރައީސް އަލްއުސްތާޛު) މައުމޫނު ޢަބްދުލްގައްޔޫމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވާނެއެވެ. “ބާޣީ ވަހީދު މަންމަ އަށް މައުމޫނު ކުރެއްވި އަނިޔާ ގެ ބަދަލު ހިއްޕަވާނެ ކަމުގައި އޭނާ އަޅުގަނޑުމެންގެ މީހުންގާތު އެބަވިދާޅުވޭ. އޭނާއަކީ މިޕާޓީން ސަރުކާރަށް ކަނޑައެޅި ނާއިބުރައީސް” ކަމުގައި ވިދާޅުވަމުން މޫސަފާހަގަކުރެއްވީ (ރައީސް އަލްއުސްތާޛު) މައުމޫނު ޢަބްދުލްގައްޔޫމް ގެ ދަރިކަނބަލުންނާއި ދަރިކަލުން އަދި ގުޅުންހުރި ޕީޕީއެމްގެ ބޭފުޅުން މިހާރުވެރިކަމުއަރާވަޑައިގެން ހުންނެވި ޑރ.ވަހީދު ވަރަށް އަވަހަށް ސަރުކާރުން ބޭރުކުރައްވާނެއެވެ.
07 ފެބްރުއަރީ 2013 ވީ ދުވަހު ނުކިޔަމަންތެރިކަން ދައްކައި ބަޣާވާތް ކުރުމުގައި އިސްކޮށް ތިބި މީހުންނާއި އެކަމުގައި ބައިވެރިވި ފުލުހުންނާއި ސިފައިންނާމެދު ޝަރީއަތްކުރެވި ގާނޫނީ ހަމަތަކުގެ މަތީން ހައްގު އަދަބު ދެވޭނެ ކަމުގައި މޫސަގެ ވާހަކަފުޅުގައި އެއްގޮތަށްވުރެ ގިނަ މޭރުމުން ފާހަގަކުރައްވާފައިވެއެވެ.
އެމްޑީޕީ އަކީ ތަރައްގީ އާއި ކުރިއެރުން ހޯދުމަށް އިސްކަން ދޭ ޕާޓީއެއްކަމަށާއި، އައްޑޫ ސިޓީ ތަރައްގީކުރުމަށް ކުރިއަށްވުރެ ބޮޑު އަހައްމިއްޔަތުކަން ދެއްވާނެ ކަމުގައި ޗެއަރޕާސަން މޫސަ ވިދާޅުވިއެވެ. “މުޅި ރާއްޖޭގެ ވެސް ތަރައްގީއާއި ކުރިއެރުން، ފޯރުންތެރިކަމާއި ތިޔާގިކަން” އެއީ އެމްޑީޕީގެ ސިޔާސަތުތަކުގައި އިސްކަންދެވޭ އަމާޒުތައްކަމުގައި މޫސަވަނީ ފާހަގަކުރައްވާއެވެ.
14 އެޕްރީލް ވީ އާދީއްތަދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގެ އީދިގިޅި ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވެހެމުންދިޔަ ވިއްސާރައިގަ ތެމެމުން ތިއްބަވައި ކުރިއަށްވުރެ ތަފާތު ގިނައަދަދަކަށް މެމްބަރުންނާއި ހެޔޮއެދިލައްވާ ފަރާތްތަކުން ބައިވެރިވެލެއްވިއެވެ. މި ޖަލްސާގައި ޗެއަރޕާސަން މޫސާމަނިކުގެ އިތުރުން ވާހަކަދެއްކެވި ބޭފުޅުންގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ މެމްބަރު އަހުމަދު ރަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދާއި، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރ ޢަލީ ވަހީދާއި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞޯދިގު ހިމެނިވަޑައިގަންނަވައެވެ.