މި ހުކުރު ދުވަހު އެމްޑީޕީގެ ޕާޓީ ޓިކެޓް ދިނުމުގެ އުސޫލުގެ 2 ވަނަ މަރުހަލާ 3 ވަނަ މާއްދާގެ (ށ) ގައިވާ ޕްރައިމަރީ ބޭއްވޭނެއެވެ. މި ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޅުން ވާދަ ކުރައްވާނީ ވަރަށް ހަރުދަނާ ޑިމޮކްރެޓިކް މާހައުލެއްގައެވެ.
މި ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރާކަން އަންގައިދިނުމުގެ ގޮތުން ވޯޓު ދިނުމުގައި ބައިވެރިވެވޭނެ މީހުން ވަނީ ގައުމީ ހިންގާ ކޮމިޓީން ނިންމަވާފައެވެ. ގައުމީ ހިންގާ ކޮމިޓީން ފާސްކުރައްވާފައިވަނީ މި ޕްރައިމަރީގައި ވޯޓު ދެވޭނީ ޕާޓީގެ މެމްބަރުންނަށް ވުމަށް އެދި 15 ޖެނުއަރީ 2009 ގެ ކުރިން ޕާޓީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން 20 ޖެނުއަރީ 2009 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ އެ އިންތިޚާބީ ދާއިރާއަކަށް ނިސްބަތްވާ އެ ދާއިރާއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މި ޕާޓީގެ މެމްބަރުންނަށެވެ.
ޕާޓީއަށް ފޯމުތައް ލިބުމުން ޕާޓީގެ މެމްބަރޝިޕާ ބެހޭ ސެކްޝަނުން އިލްކްޝަންސް ކޮމިޝަނަށް ފޯމުތައް ފޮނުވައެވެ. ނަމަވެސް ޕާޓީން ކެނޑޭ މަދު ބައެއްގެ ކެނޑުމުގެ ކަންކަން ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނުން ނިމޭކަން މި ޕާޓީއަށް ފާހަގަ ކުރެވޭއިރު ޕާޓީއަށް ވަންނަން އެދޭ މީހުން ޕާޓީގެ ރެޖިސްޓްރީއަށް އިލެކްޝަން ކޮމިޝަނުން އިތުރުވަނީ ވަރަށް ލަހުންކަން ފާހަގަކުރެވެއެވެ. ޕާޓީ ޕްރައިމަރީއަށްފަހު ޕާޓީގެ މެމްބަރުން އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ ލިސްޓުގައި ނެތުމުން ޕާޓީގެ މެމްބަރުންގެ ހިތްހަމަނުޖެހުން މިޕާޓީއަށް އަމާޒުވެއެވެ.
މި ނާޒުކު ދަނޑިވަޅުގައި އަދި ވަކިން ރައްޔިތުންގެ މަޖލީހުގެ އިންތިޚާބު ކުރިއަށް އޮއްވާ ޕާޓީގެ މެމްބަރުން ޕާޓީގެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މި ހުންނަ ޝައުގުވެރިކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ފޯމުތައް ރަޖިސްޓްރީ ކުރުމުގައި ލަސްވުމާ ގުޅިގެން ޕާޓީއަށް މި ހިތްހަމަނުޖެހުން އަމާޒު ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.
ޕާޓީގެ ހުރިހާ މެމްބަރުން އެކުވެރިވެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އެ ވިދާޅުވިހެން 50 ގޮނޑި ކާމިޔާބު ކުރުމަށް މި ޕާޓީގެ ހުރިހާ މެމްބަރުންވެސް އަޒުމް ކަނޑައަޅުއްވާށެވެ. ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަންވާނެ ކަމަށް ބުނެ ފޮރުވިފައިވާ އޭޖެންޑާއެއްގެ ދަށުން މި ޕާޓީން ރައްޔިތުންނަށް ހެޔޮ ހިތުން ވެވުނު ވައުދުތައް ފުނޑާލަން އެ ރާވާ ހީލަތްތެރި މަކަރުވެރި ރޭވުންތަކަށް ތަންނުދީ، މި ޕާޓީން ރައްޔިތުންނަށް ކޮށްދޭން މި ނުކުތް ހެޔޮ ވެރިކަން ރައްޔިތުންނަށް ކޮށްދިނުމަށް މި ސަރުކާރަށް ފުރުސަތު ހޯދައި ދިނުމީ މި ޕާޓީގެ މެމްބަރުންގެ ވާޖިބެކެވެ.
މާތްﷲ މި ޕާޓީގެ މެމްބަރުންނަށް ހެޔޮ ރަހުމަތް ލައްވާނދޭވެ.