ރައީސް ނަޝީދާއި އެކު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގައި “ދޭތިން ފަހެތި” ކެންޕެއިން ވަރަށް ކާމިޔާބުކަމާއިއެކު ވޭތުވެދިޔަ ހަފްތާ ބަންދުގައި ކުރިޔަށް ގެންގޮސްފި.

ލިޔުނީ: ނަޒްމީ

dheythin fahethi b. dhonfanu 130413 (27)

ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި އެކު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގައި އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެންޕެއިން ވަރަށް ކާމިޔާބުކަމާއިއެކު ވޭތުވެދިޔަ ހަފްތާބަންދުގައި ކުރިޔަށްގެންގޮސްފިއެވެ.

ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށުގައި ކުރިޔަށްގެންދިޔަ “ދޭތިން ފަހެތި” ކެންޕެއިންގެ ދަށުން ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ފާދިއްޕޮޅު ހިންނަވަރަށެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިންނަވަރަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެރަށުގައި އެމް.ޑީ.ޕީގެ ބޮޑު ދިދަ ނަންގަވައިދެއްވާފައެވެ. އަދި “ދޮރުން ދޮރަށް” ހިންގަވާ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ހިންނަވަރުގެ ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރެއްވިއެވެ. އަދި އެރަށުގައި ބޭއްވި އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެންޕެއިންގެ ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި އެމް.ޑީ.ޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާދިއްޕޮޅަށާއި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފާދިއްޕޮޅު ނައިފަރަށާއި އޮޅުވެލިފުއްޓަށްވެސް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ހަރާކާތްތައް އެރަށްރަށުގައި ހިންގަވާފައިވެއެވެ. އަދި ނައިފަރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ގިނަ އަދަދެއްގެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ޅ. މާފިލާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއިވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ.

ކުރެންދޫއަށް އެމަނިކުފާނު ވަޑައިގެންނެވީވެސް ވޭތުވެދިޔަ ހަފްތާގެ ތެރޭގައެވެ. ކުރެންދޫގައި އޮތް އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެންޕެއިންގެ ޖަލްސާއެއްގައި ޕާޓީގެ މެންބަރުންނާއި އެމް.ޑީ.ޕީއަށް ތާއީދު ކުރާ ބޭފުޅުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވުން އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު އަނެއްކާވެސް އުފެދިގެން އަންނާނީ އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްކަމަށާއި އެވެރިކަމުގައި ކުރެންދޫގެ ބަނދަރު ހަދާއިރު ކުރެންދޫގައި ބިން ބޮޑުކޮށްދެވެން އޮތް ދެ ސަރަޙައްދުގައި އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ތެރެއިން ކުރެންދޫގައިވެސް އެވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި އެކަމުގެ ސަބަބުން ކުރެންދޫގެ އެންމެންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ ރަށުގެ އާންމު އިޖްތިމާޢީ ޙާލަތު އެތައް ތަނަކުން ރަނގަޅުވެގެން ދާނެކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ހާސްކަމުން އަރައިގަނެ ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށްދިއުމަށް ރައްޔިތުން އިޚްތިޔާރްކުރައްވަން ޖެހޭނީ އެކަންކަން ކުރެވޭނެ ބަޔަކު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގައި އެކަން ސާބިތުކޮށްދެއްވާފައިވާނެކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން އަލަށް ފަށައިގަތް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެޕްރޮގްރާމްގެ ދަށުން ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ފޯރުކޮށްދެވި އެމީހުންނަށް ހިތްހަމަޖެހުމެއް ގެނެސްދެވުނީތީ އުފާފުޅުކުރައްވާކަމަށެވެ. އަދި މިއަދު އެމަނިކުފާނާއި ބައްދަލުވެވަޑައިގަންނަވާ ދޮށީ އުމުރުގެ ގިނަ ބޭފުޅުންގެ ސިއްޚަތު ރަނގަޅުވެ ނަލަހެދިލައިގެން ތިބޭ މަންޒަރު ފެނިވަޑައިގަތުމުން ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޅ. އަތޮޅުގެ ބައެއް ރަށްތަކުން ދެން ރައީސް ނަޝީދު ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫއަށެވެ. ކަމަދޫއިން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކަމަދޫގައިވެސް އެރަށުގެ އެމްޑީޕީ ޖަގަހަ އެމަނިކުފާނު ހުޅުވައިދެއްވިއެވެ. އަދި އެމްޑީޕީގެ ދިދަވެސް އެރަށުގައި ނަންގަވައިދެއްވިއެވެ. ކަމަދޫގެ އެމްޑީޕީގެ މެންބަރުންނާއި، ޕާޓީއަށް ތާއީދު ކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ އުޞޫލަކީ އަޅުގަނޑުމެންގެ ވާދަވެރިން އެއްގޮތަކަށްވެސް ތާޢީދުކުރި އުޞޫލެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކަމަދޫއަށްފަހު، ރައީސް ނަޝީދު ވަޑައިގެންނެވީ ކިހާދޫއަށެވެ. ކިހާދޫގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކަމަދޫގައިވެސް އެމަނިކުފާނު އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވިއެވެ. އެރަށުގެ އެމް.ޑީ.ޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުންނާއި މުޚާތަބްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީއަކީ 3 ފޫޓަށް ފިޔަވަޅުއަޅާ އަދި ބާރު ސްޕީޑްގައި ކަންކަން ކުރާ ޕާޓީއެއްކަމަށެވެ.

ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ދޮންފަނަށެވެ. ދޮންފަނުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވުމަށްފަހު އެމް.ޑީ.ޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ ބޭފުޅުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީ އިންސާނިއްޔަތަށް ފައިދާހުރި ކަންކަމަށް ވާންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރެއްވި މި ދަތުރުފުޅުގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިއްޔަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުއްވައި ދެއްވައި ޕާޓީގެ ބޮޑު ދިދަ ވަނީ ނަންގަވައިދެއްވާފައެވެ. އަދި އެރަށުގެ އެމް.ޑީ.ޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ ބޭފުޅުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ތަރައްޤީ ލިބޭނީ ކައުންސިލްތައް ވަރުގަދަވެގެންކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލްގެ ގޮތުގައި

އެމަނިކުފާނު ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް ރައީސް ނަޝީދު ފައިބައި ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުންވެސް ވަނީ ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް

ދަންނަވާފައެވެ.

އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރައީސް ނަޝީދު މި ދެއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެރަށްރަށުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދެވުމުގެ

އިތުރުން ރަށުގެ އާންމު ހާލަތު އެމަނިކުފާނު ބައްލަވައިލެއްވިއެވެ . ބ. އަދި ޅ. އަތޮޅުގެ އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެންޕެއިންގެ ކޯޑިނޭޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙްމަދު

ނަސީމްއެވެ. މިދަތުރުފުޅުގައި ރައީސް މުޙަންމަދު ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭބޭފުޅުންނާއި އަދި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް

މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.