ރައީސް ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފި

anisurvival33

ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެނިނަބިލިޓީ ސައެންސް ސެންޓަރ އިން އިންތިޒާމްކޮށްގެން، “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރާނީ ކިހިނެތް؟” މި މަޢުޟޫގެ މައްޗަށް ތަޤްރީރުކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި، ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައިވެސް ތަޤްރީރުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޯޕަންހޭގަން އަށް ފުރާވަޑައިގަތުމުގެ ކުރިން، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ފުރާވަޑައިގަތުމަށް ހުރަސް އެޅުން ފަދަ ކަންކަމަކީ ވަރަށް ދެރަކޮށް ހިނގާ ކަންކަންކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރުނުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ޑެންމާކަށް އެމަނިކުފާނު ކުރައްވާ ދަތުރުރުފުޅަކީ “ދުމާނުލާ އިޤްތިޞާދު” ހިންގާނެ ގޮތާ ގުޅޭ ގޮތުން ކޯޕަންހޭގަން ޔުނިވަރސިޓީގައި ތަޤްރީރުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށާއި އަދި މި ދަތުރުފުޅުގައި ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި ތަޤްރީރުކުރެއްވުމުގެ ފުރުޞަތުވެސް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ތަޤްރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގުން ކައްސާލާފައިވާ މައްސަލައަށްކަމަށާއި އަދި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރަންޖެހިފައިވާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާނެ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ޑެންމާކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާރަވަނަ ދުވަހުއެވެ.