ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެއެވެ. ރައީސް މުޙަންމަދު ނަޝީދު ކޯޕަންހޭގަން އަށް ކުރައްވާ މިދަތުރުފުޅަކީ، ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެތް؟ މި މަޢުޟޫގެ މައްޗަށް ތަޤްރީރުކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ތަޤްރީރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާނެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ، ދުނިޔޭގެ އިޤްތިޞާދަކީ ކާބަން ނިއުޓްރަލް އިޤްތިޞާދަކަށް ބަދަލުކުރުންކަމުގައި އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރައްވާނެއެވެ. އަދި ތިމާވެއްޓާއި ރަށްޓެހި ސާފު ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިބެން ހުރި ފުރުޞަތުތަކުގެ މައްޗަށާއި އަދި މިލަނޑުދަނޑި ހާޞިލްކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަސްކަމުގައިވާ ތެލަށް ކުރަންޖެހިފައިވާ ބަރޯސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ތަޤްރީރުގައި އަލިއަޅުވާލައްވާނެއެވެ. އެމަނިކުފާނު މި ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަވަނަ ދުވަހުއެވެ.
ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ ޤާނޫނު ހަދާ މަޖްލީހުގައި ތަޤްރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޑެންމާކުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިޒް އެކްސެލެންސީ މިސްޓަރ ކްރިސްޓިއަން ފްޣިސް ބަކް އާވެސް ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ޑެންމާކުގެ ޚާރިޖީ ވުޒާރާގައެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ފަރާތުން ރައީސް މުޙަންމަދު ނަޝީދުގެ ޝަރަފުގައި ބާއްވަވާ ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޑެންމާކްގެ ތަފާތު ޚަބަރުފަތުރާ ވަޞީލަތްތަކަށް އެމަނިކުފާނު ބަސްދީގަތުން ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާރަ ވަނަ ދުވަހުއެވެ