ޗެއަރޕާރސަންގެ ޕޭޖް

މި ހަފްތާގައި އެންމެ ފޯރިގަދަކޮށް މިދެކެވެމުންދަނީ ޕާޓީ ޓިކެޓްގެ ވާހަކައެވެ. މެމްބަރުންތިބީ ޕާޓީ ޓިކެޓްދެނީ ކާކަށްތޯ ބަލާ ކެންޕެއިން ކުރުމަށް ނިކުތުމަށް ފައި ހިރުވަ ހިރުވައެވެ. ޕާޓީ ޓިކެޓްގެ މައްސަލާގައި ޕާޓީ މެމްބަރުން ދޮންއަރައަރައެވެ. ނަމަވެސް އެއީ ހަރުދަނާ ޑިކޮމްރަސީގެ ރަގަޅު އުސޫލެކެވެ. އަދި ޕާޓީ ޓިކެޓް ދިނުމަށް ޕާޓީގެ ނިންމުމަށް އިހްތިރާމްކޮށް ޕާޓީއާއިއެކު މެމްބަރުން ނިކުމެވަޑައިގަތުން އެއީ އެމްޑީޕީގެ އާދައެވެ.
ސުޕްރީމް ކޯޓުން މިހާރުވަނީ 15 ފެބްރުއަރީ 2009 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް ބާއްވަން ވާނެކަމަށް ނިންމާފައެވެ. އެހެންކަމާއިއެކު 4 ވަރަކަށް ހަފްތާތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް އޮންނާނެއެވެ.
ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ވަނީ މިޕާޓީން 50 ގޮނޑި ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިޕާޓީގެ މެމްބަރުންނަކީ ސިޔާސީ ގޮތުން ހޭލުންތެރި، ދިމާވާ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާ ބަޔަކެވެ. އެއްވެސް އަމިއްލަ އެދުމެއްނެތި ޤައުމީ ރޫހުގައި މަސައްކަތްކުރާ ބަޔެކެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރެއާއި ދުވާލު ޤުރުބާންވާ ބަޔެކެވެ. ރައްޔިތުންނަށް ލާބައާއި މަންފާ އޮތީ ހެޔޮ ވެރިކަމެއް ކުރުމަށް އަޒުމު ކަނޑައަޅައިގެން ނިކުތް ރައީސް ނަޝީދު މި އިއްތިހާދުވި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހެޔޮހިތުން އެހީތެރިވާނެ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް މިޕާޓީ ހޯދައިގެންނެވެ.
މާތްﷲ މި ޕާޓީއަށް ހެޔޮ ތައުފީޤް ލައްވާންދޭއެވެ!