އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވައިފި

ލިޔުނީ: ޝަހީދާ

dheythin fahethi lh. kurendhoo 130413 (25)

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީއަށް ކުރެއްވި މި ދަތުރުފުޅުގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިއްޔަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުއްވައި ދެއްވައި ޕާޓީގެ ބޮޑު ދިދަ ވަނީ ނަންގަވައިދެއްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ތަރައްޤީ ލިބޭނީ ކައުންސިލްތައް ވަރުގަދަވެގެންކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދު ދެން ވަޑައިގެންނެވީ، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫއަށެވެ. ކަމަދޫއިން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ކަމަދޫގައިވެސް އެރަށުގެ އެމްޑީޕީ ޖަގަހަ އެމަނިކުފާނު ހުޅުވައިދެއްވިއެވެ. އަދި އެމްޑީޕީގެ ދިދަވެސް އެރަށުގައި ނަންގަވައިދެއްވިާފައިވެއެވެ. ކަމަދޫގެ އެމްޑީޕީ ސަޕޯޓަރުންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ އުޞޫލަކީ އަޅުގަނޑުމެންގެ ވާދަވެރިން އެއްގޮތަކަށްވެސް ތާޢީދުކުރި އުޞޫލެއް ނޫންކަމުގައި ވިދާޅުވިއެވެ.

ކަމަދޫއަށްފަހު، ރައީސް ނަޝީދު ދެން ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫއަށެވެ. ކިހާދޫ ރަށު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި މިރަށުގައިވެސް އެމަނިކުފާނު އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވިއެވެ. ކިހާދޫގެ ރައްޔިތުންނާއި އަދި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ 3 ފޫޓަށް ފިޔަވަޅުއަޅާ އަދި ބާރު ސްޕީޑްގައި ކަންކަން ކުރާ ޕާޓީއެއްކަމަށެވެ.

މާޅޮސްމަޑުލު ދެކުނުބުރިން ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ދޮންފަނަށެވެ. ދޮންފަނުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވުމަށްފަހު، ޕާޓީގެ ސަޕޯޓަރުންނާއި އަދި ދޮންފަނު ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީ އިންސާނިއްޔަތަށް ފައިދާހުރި ކަންކަމަށް ވާންޖެހޭނެކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުޙައްމަދު ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލްގެ ގޮތުގައި އެމަނިކުފާނު ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް ރައީސް ނަޝީދު ފައިބާ ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން ވަނީ ވަރަށްވެސް ޙޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ.
ރައީސް މުޙައްމަދު ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.