އެމްޑީޕީގެ “ރައީސް ނަޝީދު 2013” ރ. ދުވާފަރު ކެމްޕެއިން ނެޓްވޯކް އިފްތިތާޙްކުރެވިއްޖެ

ލިޔުނީ: ޢާމިރު، ދުވާފަރުން

Dhuvaafaru Campaign team

ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި އެމްޑީޕީއިން ފަށައިގެން ކުރިޔަށްގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރ.ދުވާފަރުގަ “ރައީސް ނަޝީދު 2013” ކެމްޕެއިން ނެޓްވޯކް އިފްތިތާޙް ކުރެވި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ )12 އޭްޕރީލް 203 ހުކުރު( މެންދުރުފަހު 2ޖެހިއިރު ދުވާފަރު އެމްޑީޕީ އޮފީހުގައި ބޭއްވުނު ދުވާފަރު ދާއިރާގެ އެމްޑީޕީގެ ހިންގާކޮމިޓީގެ ބައްދަލުވުމުގައި ކެމްޕެއިން ނެޓްވޯކް އިފްތިތާޙް ކޮށްދެއްވީ އެމްޑީޕީ “ދޭތިން ފަހެތި” ރ.އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ ޙާމިދު އަބްދުލް ޣަފޫރެވެ.

އާބާދީގެ 4318 ހިމެނޭ ދުވާފަރުން ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓަށް އަޣްލަބިއްޔަތު ހޯދައިދިނުމަށްޓަކައި ޤާއިމް ކުރެވުނު ކެމްޕެއިން ނެޓްވޯކުގައި ދުވާފަރުގެ އެންމެ އިސް ފޯކަލްޕޮއިންޓެއްގެ ގޮތުގައި ދުވާފަރުގެ ކައުންސިލްގެ ނާއިބު ރައިސް އާމިރު އަޙްމަދް ޢައްޔަނު ކުރެވިފައިވާއިރު، އޭނާއާއެކު ކޯޑިނޭޓަރުންގެ ގޮތުގައި 6 މެމްބަރުންގެ ކޮމިޓީއެއް ވަނީ އިއްޔެގެ ބައްދަލުވުމުގައި އެކުލަވާލާފައެވެ. އަދި މި 6 މެމްބަރުންގެ ކޮމިޓިގެ ބެލުމުގެ ދަށުން ދުވާފަރު “ރައީސް ނަޝީދު 2013” ކެމްޕެއިންގެ 250 މެމްބަރުން އަމަލީގޮތުން ބައިވެރިވާނެއެވެ.

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމް މިވޭތުވެދިޔަ 2 ހަފަތާތެރޭގައި ދުވާފަރަށް 2 ދަތުރެއްކޮށް، ދުވާފަރު ކެމްޕެއިން ނެޓްވޯކް އިފްތިތާޙް ކުރެވި ނިމިފައިވާއިރު، މި ޓީމް މިހާތަނަށްވަނީ މި އަތޮޅުގެ އަލުފުށީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކެއްގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކެމްޕެއިން ނެޓްވޯކް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައެވެ.