އެމްޑީޕީގެ ޗެއަރޕާސަން ފުއައްމުލަކުގަ ކުރިޔަށްދާ “ދޭތިން ފަހެތި” ކެމްޕެއިންގަ ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގަންނަވައިފި

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ޕާލިއަމަންޓް މެމްބަރ މުސާ މަނިކު ފުއައްމުލަކުގެ “ދޭތިން ފަހެތި” ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންފިއެވެ.

ފުއައްމަުލަކުގައި މިހާރު ހަރަކާތްތެރިވާ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމާއެކު ކެމްޕެއިން މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމަށް މިއަދު (13 އޭޕްރިލް 2013) ހެނދުނު ފުއައްމުލަކަށް ވަޑައިގެންނެވި ޕާޓީގެ ޗެއަރޕާސަންއާ ޓީމުން ފުއައްމަުލަކު ދާއިރާތަކުގަ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދަވާއިރު އެރަށުގެ އެންމެހާ ދާއިރާތަކުގެ އެމްޑީޕީގެ ހަރުގެތަކަށް ޒިޔާރަތް ކުރައްވާ ޕާޓީގެ މެމްބަރުންނާ ސަޕޯޓަރުންނާ ބައްދަލުވުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދާއިރާތަކުގެ އާއްމުން ޕާޓީއަށް ސޮއެކުރުމުގެ ޙާއްސަ ރަސްމިއަޔާތުވެސް ކުރިޔަށްދާގޮތަށް ވަނީ ހަމޖެހިފައެވެ. އަދި މުހިންމު ކަމެއްގެ ގޮތުގައި “ވަޢުދާ ހިނގުން” ދޮރުން ދޮރަށް ހިނގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޓީމުގެ ކޯޑިނޭޓަރ އަމީން ފައިސަލް ހާމަކުރެއްވިގޮތުގައި މިރޭ ފުއައްމުލަކުގަ ބާއްވާ އާއްމު ޖަލްސާ އޮންނާނީ އެރަށު އުސްފަސްގަނޑުގައެވެ. އަދި ރާއްޖެޓީވީއިން ލައިވްކުރާ މިޖަލްސާ ފެށޭނީ މިރޭ 9 ޖަހާއިރުއެވެ.

ފުއައްމުލަކު ޓީމުގައި ހިމެނިވަޑަގަންނަވަނީ، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކި، މިލަންދޫ ދާއިރާގެ މެމްބަރ އަލީ ރިޒާ، ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަޙީދު، ޕާޓީގެ އިލެކްޝަން ކޮމިޓީގެ މުޤައްރިރު އިބްރާޙިމް ވަޙީދު، ޕާޓިގެ ސެކެއްޓެރީ ޖެނެރަލްގެ ނައިބު އަޙްމަދް އަކްރަމް، އަލްއުސްތާޛް މުޙައްމަދު ފަރީދު، އަލީ އާރިފް އަދި އަމީން ފައިސަލް (ފުވައްމުލަކު ކެމްޕެއިން ޓީމުގެ ކޯޑިނޭޓަރ) އެވެ.