އައްޑޫ ސިޓީގައި ވަޢުދާއި ހިނގުން ދެވަނަ ގިޔަރުގައި މިއަދު ފަށާނެ

ލިޔުނީ: ޝަހީދާ

addu 2.5 (600 x 450)

މިއަދު ހަވީރު 4 ޖަހާއިރު އައްޑޫ ސިޓީގެ 6 ދާއިރާގައި އެއްފަހަރާ ވަޢުދާހިނގުން ފައްޓާގޮތަށް ވަނީ ހަމަޖެހިފައިކަމަށް އެ ސިޓީއަށް ވަޑައިގެން އުޅުއްވާ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގެ ލީޑަރ އަދި ކޯޑިނޭޓަރ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތްފީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަސްމީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ޑރ. މުސްތަފާ ލުތްފީ ވިދާޅުވީ މިއަދު އައްޑޫ ސިޓީގެ 6 ދާއިރާގަ އެއްފަހަރާ އެއްވަގުތެއްގައި ވަޢުދާ ހިނގަން ފަށާނީ ދެވަނަ ގިޔަރުގައި ކަމަށެވެ. މީގެ ކުރިން ވާނީ އައްޑޫ ސިޓީގެ ހުރިހާ ދައިރާއެއްގައި ވަޢުދާ ހިނގުމުގެ މަސައްކަތް ފަށާ ނިމިފަކަމަށެވެ. ވީމާ މިއަދު ހިނގަން މި ފަށަނީ ދަވަނަ ބުރަގެ ހިނގުމެވެ.

މިއަދުގެ ވަޢުދާ ހިނގުން ކުރިޔަށް ދާއިރު މި ކަމުގެ އުޅުއްވާނީ އައްޑު ސިޓީގަ މިހާރު ހަރަކާތްތެރިވާ އެމްޑީޕީގެ ދޭތިން ފަހެތި ކެމްޕެއިން ޓީމުގެ މެމްބަރުންނާއި، ދާއިރާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން އޭޖެންޓުންނާއެކުއެވެ.

ޑރ. މުސްތަފާ އިތުރަށް ވިދާޅުވީ، މިއަދު މުޅި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ އެންމެހާ ޓީމު މެމްބަރުން ވެސް ޤަބޫލު ކުރަނީ އެމްޑީޕީއަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ ކަންކަން ޙާޞިލުކޮށްދޭ ރައްޔިތުންގެ ޕާޓީއެއްކަން، އެމްޑީޕީން ތަކުރާރުކޮށް ރައްޔިތުންގެ ގާތަށް ދާނެކަން، ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ އަހާނެކަން، އަދި ދިވެހިރައްޔިތުންނަށް ޙައްޤުވާ މިންވަރު ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދު ވެވަޑައިގެންނެވި ޤުރުބާނީއާ، ރައީސް ނަޝީދުގެ ރަނގަޅުކަމާއި މުރާލިކަމާއި ކުޅަދާނަކަމާއި ވަޢުދު ފުއްދާ މިންވަރު ދެނެގަނެއެވެ.

އައްޑޫ ސިޓީގަ މިއަދު ވަޢުދާ ހިނގާ ޓީމުތައް ހަމަޖެހިފައިވާ ގޮތުގާ: ހިތަދޫ އުތުރު ދާއިރާ ވައުދާ ހިނގާނީ، ފޭދޫ ދާއިރާ ކައުންސިލަރ އަޙްމަދު މިރުޒާދު، ޑިޕިއުޓީ މޭޔަރ ހުސެން ޝާހިދު އަދި އަންހެނުންގެ ކޮމިޓީގެ ރައީސާ ފާތިމަތު ހަނީފާއެވެ. ހިތަދޫ މެދު ދާއިރާގެ ޓީމަކީ: ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ ޙުސައިން ފަހުމީ، ހުވަރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު އަދި ހިތަދޫ މެދު ދާއިރާގެ ނައިބު ރައީސް އިބްރާޙިމް ޞޮބްރީއެވެ. ހިތަދޫ ދެކުނު ދާއިރާގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޙުސައިން ޙިލްމީ، އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕައިން ޓީމުގެ ލީޑަރ އަދި ކޯޑިނޭޓަރ ޑރ މުޞްޠަފާ ލުޠުފީ އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް މުޙައްމަދު ޔަޝްރިފްއެވެ. މަރަދޫ ދާއިރާގެ ޓީމުގައި ހިމެނެނީ، އައްޑޫ ސިޓީ ކެމްޕއެިން ޓީމުގެ މެމްބަރ މުހައްމަދު ލިރާރު، ހިތަދޫ މެދުދާއިރާގެ މެމްބަރު މުޙަންމަދު ރަޝީދް )މޯޑް( އަދި މަރަދޫ ދާއިރާ ރައީސް އަޙްމަދް ރަޝީދްއެވެ. ފޭދޫ ދާއިރާގެ ޓީމުގަ ހިމެނެނީ، މަރަދޫ ދާއިރާ ކައުންސިލަރ އަބްދުﷲ ތޮއްޔިބު، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް އަދި ފޭދޫ ދާއިރާގެ ރައީސް ޢަބުދުﷲ ސަޢީދުއެވެ. ހުޅުމީދޫ ދާއިރާގެ ޓީމުގައި ހިމެނެނީ، އައްޑޫ ސިޓީ ރައީސް އަޙްމަދު އަދްހަމް، އިހަވަންދޫ ދާއިރާގެ މެމްބަރު ޢަޙުމަދު ޢަބުދުﷲ އަދި އަވަށު ބޯޑުގެ ރައީސް އިބްރާޙިމް ދީދިއެވެ.