ދިވެހިރާއްޖެއަށް މިއަދު ވަމުން މިދާ ގޮތް ރަނގަޅަށް ބަލައި، މިރާއްޖެ ރަނގަޅު އައްސޭރިއަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

dheythin fahethi lh. hinnavaru jalsaa 110413 (26)

ދިވެހިރާއްޖެއަށް މިއަދު ވަމުން މިދާ ގޮތް ރަނގަޅަށް ބަލައި، މިރާއްޖެ ރަނގަޅު އައްސޭރިއަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި، ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބޭއްވި “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ކަމެއް ބޭނުންފުޅުވެގެން ނޫޅުއްވާކަމަށާއި ނަމަވެސް އަޅުގަނޑުމެންގެ ދަރިންނާ އަދި ދަރިންގެ ދަރިންނަށްޓަކައި ރަނގަޅު ފާގަތި ޤައުމެއް އުފައްދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަމަށެވެ.

މިރާއްޖޭގެ ރައްޔިތުން ނިންމާފައިވަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ގޮތުގައި ކަމަށާއި އަދި ވަކިން ޚާއްސަކޮށް އެ ރައްޔިތުން ނިންމީ ވެރިކަން ބަދަލުވާންޖެހޭނީ ސުލްޙަވެރިކަމާ އޮމާންކަމާއެކުގައިކަމަށް، ރައީސް މުޙަންމަދު ނަޝީދު ފާހަގަކުރެއްވިއެވެ.
ދިގު ތިރީސް އަހަރުގެ ވެރިކަމަށްފަހު، އެމްޑީޕީއިން ސަރުކާރާ ހަވާލުވީ އޮމާންކަމާ ސުލްޙަވެރިކަމާއެކު ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭގެ ކުރިން މިރާއްޖޭގެ ކޮންމެ ވެރިކަމެއްވެސް ބަދަލުވެގެން ގޮސްފައިވަނީ އަނިޔާވެރިކަމާ އަދި އެތައް ބައެއްގެ ފުރާނެ ގެއްލިގެންކަމަށެވެ. އެހެންކަމުން 2008 ވަނަ އަހަރު ރައްޔިތުން ނިންމި އެންމެ މުހިންމު އެއް ނިންމެވުމުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖޭގެ ވެރިކަން ބަދަލުވާންޖެހޭނީ ސުލްޙަވެރިކާއެކު ކަމަށާއި އަދި ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. މިއަދުގެ ހަޤީގަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ވަޒީރުންގެ މަޖްލީގުގެ މެންބަރުގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ 2008 ވަނަ އަހަރު ރައްޔިތުން ނޫނެކޭ ބުނި ބޭފުޅުންކަމަށެވެ. އެގޮތުން މިހާރު ޕީޕީއެމްގައި ތިއްބެވި ބޭފުޅުންނާ އަދި ޑީއާރްޕީގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފު އަޣްލަބިއްޔަތަކުން ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމަކީ ވަރަށް ބޮޑަށް ޤާނޫނާ ޚިލާފް އަދި އިންސާނިއްޔަތާ ޚިލާފް އަމަލުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ރާއްޖޭގެ ވެރިކަމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި، ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަހީދު ހުންނެވީ ބަޣާވާތެއްކޮށްގެން ވެރިކަމުގެ މުޅި ނިޒާމު ގަޑުބަޑުކުރައްވައިގެންކަން ރައީސް ނަޝީދު ފާހަގަކުރެއްވެވިއެވެ. އަދި އެކަން ވަރިހަމަ ކޮށްގެން އަޅުގަނޑުމެންނަށް ތިބެވެން ނޯންނާނެކަމަށާއި މިރާއްޖެއަށް ދެން ދުވަހަކުވެސް އަނިޔާވެރިކަން ނާންނާނެ މިންވަރަށް ބާޣީންގެ ފިކުރު ބަލިކުރާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ، ވީއްލާ އަދި ދޫދޭ ޕާޓީކަން ފާހަގަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީއެއް ނެތި ތަރައްޤީއެއް އެއްގޮތަކަށްވެސް ނުލިބޭނެކަމަށާއި އަދި އެއީ އެއްވެސް ހާލެއްގައި ހިފަހައްޓައިގެން ނުވަތަ އޮބަހައްޓައިގެން ލިބެން އޮތް އެއްޗެއް ނޫންކަމަށެވެ.

ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން މިއެދެނީ އިންތިޚާބަކަށްކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ އިރާދަކުރެއްވިއްޔާ އެއްބުރުންކަމަށެވެ. އަދި އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް ހިންނަވަރު ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ނިހާޔަތައް ބޭނުންފުޅުވާކަން ފާހަގަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ހިންނަވަރު ރައްޔިތުންގެ ސަތޭކަ ޕަސެންޓް ވޯޓް އެމަނިކުފާނަށް ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.