ރައީސް ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފައްޓަވައިފި

dheythin fahethi lh. hinnavaru 110413 (2)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފައްޓަވައިފިއެވެ. ރައީސް މުޙަންމަދު ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށްހަމަޖެހިފައިވަނީ ފާދިއްޕޮޅު ހިންނަވަރަށެވެ. އޭގެ އިތުރުން، އެއަތޮޅު ނައިފަރަށާއި އޮޅުވެލިފުއްޓަށާއި ކުރެންދޫ އަދި މާފިލާފުއްޓަށް ވަޑައިގަންނަވާނެއެވެ. މާޅޮސްމަޑުލު ދެކުނުބުރިން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޑަރިކިލިއަށެވެ. އޭގެ އިތުރުން އެ އަތޮޅު ކަމަދޫ، ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫއަށް ވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރައީސް ނަޝީދު މި ދެއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެރަށްރަށުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދެވުމުގެ އިތުރުން ރަށުގެ އާންމު ހާލަތު އެމަނިކުފާނު ބައްލަވާލައްވާނެއެވެ.

މިދަތުރުފުޅުގައި ރައީސް މުޙަންމަދު ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އަދި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.