ގއ. އަތޮޅުގެ ރަށްތަކުގެ އަންހެން ކަނބަލުންގެ ފަރާތުން “ދޭތިން ފަހެތި” ކެންޕެއިންއަށް ލިބެމުންދަނީ އާދަޔާ ޚިލާފު ބޮޑު ތަރުޙީބެއް: ކޯޑިނޭޓަރު

ލިޔުނީ: ނަޒްމީ

SavedPicture-2013411164438.jpg

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މިހާރު ފަށައިގެން ކުރިޔަށް ގެންދާ “ދޭތިން ފަހެތި” ކެންޕޭނުގައި ގއ. އަތޮޅުގެ ރަށްތަކުގެ އަންހެން ކަނބަލުންގެ ފަރާތުން މި ކެންޕެއިނަށް ލިބެމުންދަނީ އާދަޔާ ޚިލާފު ބޮޑު ތަރުޚީބެއްކަމަށް ގއ. ގދ، މި ދެ އަތޮޅަށް އެމް.ޑީ.ޕީން ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރު އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ހެލްތް މިނިސްޓަރު ޑރ. އާމިނަތު ޖަމީލް ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ ރަސްމީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ޑރ. އާމިނަތު ޖަމީލް ވިދާޅުވީ “ދޭތިން ފަހެތި” ކެންޕެއިންއަށް ގއ. އަތޮޅުގެ ރަށްތަކުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި އެ އަތޮޅުގައި ދިރިއުޅެނީ ފިސާރި އަންހެންކަނބަލުން ތަކެއްކަމަށެވެ.
ގއ. އަތޮޅުގެ 9 ރަށަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުގައި ކޮންމެ ރަށަކުންވެސް އެ ރަށެއްގެ އެމް.ޑީ.ޕީގެ ރިޔާސީ ކެންޕެއިންގެ އޭޖެންޓުންނާއި ބައްދަލުކޮށް، މިހާތަނަށް ކުރެވިފައިވާ އަދި ކުރަން ރާވައިފައިހުރި މަސައްކަތްތަކާއިބެހޭ މައުލޫމާތު ސާފުކޮށް، އެބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިހްސާސްތައް ދެނެގަތުމައްޓަކައި، ދޮރުން ދޮރަށް ހިނގުމަށް އިސްކަންދޭނެކަމަށް ޑރ. އާމިނަތު ޖަމީލް ވިދާޅުވިއެވެ.
މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ކެންޕެއިން ހަރަކާތުގައި މި ސަރަޙައްދަށް އެމް.ޑީ.ޕީން އެކުލަވާލައިފައިވާ ކެންޕެއިން ޓީމް ދަތުރުކުރަން ހަމަޖެހިފައިވަނީ ކޮނޑޭ، ކަނޑުހުޅުދޫ، ގެމަނަފުށި، ދާންދޫ އަދި ނިލަންދޫއަށެވެ.

ގއ. އަތޮޅުގެ “ދޭތިން ފަހެތި” ކެންޕެއިން ހޮނިހިރު ދުވަހު ނިލަންދޫއިން ނިންމާލާއިރު މި 9 ރަށުގައިވެސް ކެންޕެއިންގެ ހަރަކާތްތައް ވާނީ ފެށިފައެވެ. އަދި މި ހަރަކާތްތައް ކޮންމެ ހަފްތާއަކުވެސް ކުރިޔަށްދާނެކަމަށް މައުލޫމާތު ދެއްވިއެވެ