ހއ އަދި ހދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ ކެމްޕެއިން ދަތުރު ފަށައިފި

ލިޔުނީ: ޝަހީދާ

hahdh

މި އޭޕްރިލް މަހުގެ 11 އިން 14 އަށް ހއ އަދި ހދ އަތޮޅުގެ ބައެއް ރަށްރަށަށްކުރާ ކެމްޕެއިން ދަތުރު މިއަދު ހެނދުނު ވަނީ ފަށާފައެވެ.

މި ދަތުރުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުން ޒިޔާރަތްކުރާނީ ކުޅުދުއްފުށި، ދިއްދޫ، މޮޅަދޫ، އުލިގަމު، ތުރާކުނު، މުރައިދޫ އަދި ތަކަންދޫއަށެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ 2013ގެ ރިޔާސީ ކެމްޕެއިންގެ ކެމްޕެއިން އޭޖެންޓުންނާ ބައްދަލުކޮށް މިހާހިސާބަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާ މައުލޫމާތު ސާފުކޮށް، ކެމްޕެއިން އޭޖެންޓުންނާއިކު މަޝްވަރާ ބައްދަލުކުރުންތައް ބާއްވާ، “ވަޢުދާ ހިނގުން” ކުރިޔަށް ގެންދާނެއެވެ.

އަދި މި ރަށްތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަކަމަށް ޓީމުގަ ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙްމަދް ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ އެ ރަށްތަކުން އެމްޑީޕީގެ އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމާ، އަދި އެ ކޮމިޓީތަކުގެ ހިންގާ ޤަވައިދުގެ މައުލޫމާތު ސާފުކޮށްދިނުމާ، ރަށު ފެންވަރުގެ އަދި އަތޮޅު ފެންވަރުގަ އިޖްތިމާއީ ހަރަކާތްތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަކަމަށް ޝިޔާމާ ވިދާޅުވިއެވެ. މިގޮތުން ހާއްސަގޮތެއްގައި ކުޅިވަރުގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ގޮތުގެ އެހީތެރިކަން ފޯރުކޮށްދެއްވާގޮތަށް ވަނީ ހަމަޖެހިފަކަމުގަ އެބޭފުޅާ ވިދާޅުވިއެވެ.

ހއ އަދި ހދ އަތޮޅުގެ މި ދަތުރުގެ ޓީމް ލީޑަރ އަދި ކޯޑިނޭޓަރަކަށް ހުންނަވާނީ ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދެވެ.