“ދޭތިން ފަހެތި” ކެމްޕެއިން އައްޑޫ ސިޓީގަ މި ހަފްތާ ބަންދުގައި ދެވަނަ ގިޔަރުގައި ކުރިޔަށްދާނެ.

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ :ދޭތިން ފަހެތި” ކެމްޕެއިން ދެވަނަ ގިޔަރުގައި އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއްގައި އެއްފަހަރާ މި ހަފްތާ ބަންދުގައި ކުރިޔަށްދާނެކަމަށް އެ ސިޓީއަށް އެމްޑީޕީއިން ކަޑައަޅާފައި ހުންނަވާ ކެމްޕއެިން ޓީމުގެ ކޯޑިނޭޓަރ ޑރ. މުސްތަފާ ލުތްފީ ވިދާޅުވެއްޖެއެވެ.

މި އޭޕްރިލް މަހުގެ 11އިން 14އަށް ކުރިޔަށްގެންދާ މި ކެމްޕެއިން ހަރަކާތުގައި އެ ސިޓީގެ ކޮންމެ ދާއިރާއެއްގައި ކަންމަތީ ބައްދަލުވުން ބާއްވާ، ހުރިހާ ދާއިރާއެއްގައި އެކުއެކީ ވަޢުދާ ހިނގުން ފައްޓާގޮތަށް ވެސް ވަނީ ހަމަޖެހިފަކަމުގަ ކޯޑިނޭޓަރ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓިގަ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ މުތޯލިޔާކޮށް، ދާއިރާތަކުގެ ކެމްޕެއިން އޭޖެންޓުންގެ އިތުރު ތަމްރީންތައް ވެސް މި ހަފްތާ ބަންދުގެ މި ދަތުރުގައި ކުރިޔަށްގެންދާނެ ކަމުގަ އެބޭފުޅާ ވިދާޅުވިއެވެ. އަދި މި ދަތުރުގައި މުހިންމު މަސައްކަތެއްގެ ގޮތުން ކޮންމެ ގެއަކަށް ވަނުމުގެ ކަންކަން ރާވާ ދެވަނަ ގިޔަރުގައި ވައުދާ ހިނގަން ފެށުމަށްވެސް ވަނީ ހަމޖެހިފަކަމަށް ވިދާޅުވިއެވެ. މިގޮތުން ދާއިރާތަކުގެ ކުރާނެ މަސައްކަތްތަކުގެ މަޝްވަރާ ބައްދަލުވުންތައް ދާއިރާ ތަކުގެ ހިންގާ ކޮމިޓިއާ، ކެމްޕެއިން ޓިމުގެ މެމްބަރުންނާއެކު ބާއްވާގޮތަށް ވެސް ވަނީ ހަމަޖެހިފަކަމުގަ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން 6 އޭޕްރިލްވީ ހޮނިހިރު ދުވަހު އިފްތިތާޙް ކުރެވުނު ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު، އައްޑޫ ސިޓީގެ ޒުވާނުންނަށް ތަޢާރަފްކުރަން ފެށުމުގެ ބައްދަލުވުންތައް ބާއްވާގޮތަށް ވެސް ވަނީ ހަމަޖެހިފަކަމުގަ ޑރ. މުސްތަފާ ލުތްފީ ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ކުރާ މި ދަތުރު ފެށޭނީ މިއަދުގެ ހަވީރުގެ ވަގުތުގައެވެ. ޓީމުގެ ލީޑަރ އަދި ކޯޑިނޭޓަރ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީއެވެ.