ރައީސް ނަޝީދުގެ ދަތުރުފުޅާއި އެކު މެދު ރާއްޖެތެރޭގެ ކެމްޕެއިނަށް އިތުރު ހަލުއިކަމެއް ލިބިގެންދާނެ

ލިޔުނީ: ލުޝާން ސަޢީދު

dheythin fahethi l. hithadhoo 080413 (36)

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް މާދަމާ މެދުރާއްޖެތެރެއަށް ފައްޓަވާ ދަތުރުފުޅާއެކު، މެދުރާއްޖޭތެރޭގެ ކެމްޕެއިނަށް އިތުރު ހަލުއިކަމެއް ލިބިގެންދާނޭ ކަމަށް ރީޖަނަލް ކޯޑިނޭޓަރ އަދި ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީއިން އެކުލަވާލި ތަރައްޤީގެ ތަސައްވުރުތަކާއި، ރައްޔިތުންނަށް ވީ ވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަތުމަށްކުރާ މި މަސައްކަތުގައި މާދަމާ ދަތުރުފުޅު ފައްޓަވާނީ ބ އަދި ޅ. އަތޮޅަށެވެ.
މި ދަތުރުކީ “ދޭތިން ފަހެތި” ކެމްޕެއިންގެ މައުލޫމާތު ސެޝަންތަކާ ޙާއްސަ ޖަލްސާތަކާ، އަދި ހުރިހާ ރައްޔިތުންނަށް ސީދާގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖެތިމާއީ އީދެއްގެގޮތުގައި އެމްޑީޕީއިން ސިފަކުރެއެވެ.

ރައީސް ނަޝީދަށާއި އެމްޑީޕީގެ ވަފުދަށް ހޫނު މަރުޚަބާއެއް ދެންނެވުމަށް ރަށްތަކުން ދަނީ ރަން ރީނދޫ ކުލައިން ރަށުތެރެ ޒީނަތްތެރި ކުރަމުންނެވެ. އަދި ބައެއް ރަށްތަކުގައި އެމްޑީޕީގެ ހަރުގެތައް ނިންމުމުގެ މަސައްކަތް ވެސް ދަނީ ޖޯޝާއި، ފޯރީގައި އަވަދިނެތި ކުރަމުންނެވެ.
މި ދަތުރުގައި ބާއްވާ “ދޭތިން ފަހެތި” ކެމްޕެއިންގެ މަސައްކަތުބައްދަލުވުންތަކުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން، ބައިވެރިންނަށް މަޢުލޫމޫތު ހިއްސާކުރައްވާނެއެވެ. އެ މަސައްކަތުބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނީ، ދާއިރާ ތަމްސީލް ކުރައްވާ މަޖިލީހުގެ މެމްބަރު، ކައުންސިލް މެމްބަރުން، ގޮފިތަކުގެ ރައީސުން، އަންހެނުންގެ ކޮމެޓީ، “ވަޢުދާ ހިނގުން” ދޮރުން ދޮރަށް ހިނގާ ޓީމުތަކުން، ޖަގަހަ ކޯޑިނޭޓަރުން، ބްލޮކް އެޖެންޓުން އަދި ހައުސް އެޖެންޓުންނެވެ.