ލިޔުނީ: ޝަހީދާ
ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މި ހަފްތާ ބަންދުގައި ނައިފަރަށް ކުރައްވާ ޒިޔާރަތަށް މަރްޙަބާ ދެންނެވުމަށް އެރަށުން ވަރަށް ފޯރީގައި ތައްޔާރުވަމުން އެބަދެއެވެ.
ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމުގެ ތައްޔާރީތަކާ ގުޅުންހުރި ގިނަ ހަރަކާތްތައް މިހާރު ވަނީ މެކުހަށް ޖަހާފަކަމަށް އެ ރަށުން ހާމިދު އަބްދުﷲ މައުލޫމާތު ދެއްވިއެވެ.
ހާމިދު މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ، ނައިފަރުގައި ރިޔާސީ ކެމްޕޭން ހިންގުމަށް ޓަކައި ވަރަށް ފުރިހަމަ އޮފީހެއް ހުޅުވިފައިވާކަމަށާ، ޕެޗް އެޖެންޓުންނާ ، ޖަގަހަ ކޯޑިނޭޓަރުން ހޮވާ އަދި “ދޮރުން ދޮރަށް” ހިގާނެ ޓީމްތައް ހޮވާ އަމަލީގޮތުން އެމަސައްކަތް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް އެބަދާކަމަށެވެ. މި ކެމްޕޭންގެ ސެކްރެޓްރީ އަކާ ފަންޑިން ކޮމިޓީއާ މީޑިއާގެ ކަންތައް ހިންގާ ބަލަހައްޓާނެ އިސްފަރާތެއް މިހާރުވަނީ އިސްކުރެވިފަކަމަށާ، އަދި މި ހުރިހާ ފަރާތްތައް މިހާރު ވަނީ ހަރަކާތްތެރިވާން ފަށައިފަކަމަށެވެ. މި މަސައްކަތްތައް އެކުލަވާލާ ބާރަށް ކުރިއަށްގެންދިއުމަށްޓަކާ ނައިފަރުދާއިރާގެ އެންމެހާ މެމްބަރުންގެ އިތުރުން ވަރުގަދަ އެޑްވާންސް ޓީމެއް މިހާރު ނައިފަރުގައި ހަރަކާތްތެރިވަމުން އެބަދާކަމަށެވެ. އެޑްވާންސް ޓީމުގައި މަސައްކަތްކުރައްވަނީ “ދޭތިން ފަހެތި” ކެމްޕެއިންއަށް ނައިފަރުގެ އެންމެހާ ކަންކަމަށް އެމްޑީޕީއިން އިސްކުރައްވާފައިވާ އަބްދުލް އަޒީޒް އަބްދުލް ހަކީމްއާ، ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިޔާގެ ތްރިވަނަންތަޕޫރަމް ގައި ހުންނެވި ކޮންސުލޭޓް މުޙައްމަދު ރަޝީދް އަދި ކޯނީ އަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަނޑައެޅުއްވި މެމްބަރ އަޙްމަދު ސައީދު (ގަހާ ސައީދު)އެވެ.
ރައިސް ނަޝީދު ނައިފަރަށް ކުރައްވާ މި ދަތުރުފުޅަކީ މި އޭޕްރިލް މަހުގެ 11އިން 13އަށް ބ އަދި ޅ. އަތޮޅަށް ކުރައްވާ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަތުރު ފުޅުގެ ތެރެއިން އެ ރަށަށް ކުރައްވާ ޒިޔާރަތަކެވެ.