ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުން – ރައީސް ނަޝީދު

dheythin fahethi l. hithadhoo jalsaa 080413 (27)

ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީގެ އަމާޒަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރޭ ލ. ހިތަދޫ ގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމް.ޑީ.ޕީގެ ތަޞައްވަރެއް އެބައޮތް ކަމަށާއި އަދި މި ރާއްޖެއާއިމެދު ކުރާ އުންމީދުތަކެއްވެސް އެބަހުރިކަމަށެވެ. އެކަންތައްތައް ހަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން ރަށު ގޮނޑުދޮށުން، އަތޮޅު ދުނިން، ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ ކަންކަން އޮތް ގޮތް ބަޔާންކޮށްދެއްވަމުން ވިދާޅުވީ، ރާއްޖެ ބައްޓަންވެފައިއޮތީ ނިކަމެތިން މަހުޖަނުންގެ ގާތަށް ގޮސް އެމީހުން ކައިރީ ސަލާމް ޖަހައިގެން ނޫނީ މިރާއްޖޭގެ ރައްޔިތުންނަށް ކަމެއްނުވާ ގޮތަށްކަމަށެވެ. އެހެންކަމުން އެމް.ޑީ.ޕީގެ ސަރުކާރުން އެންމެ މުހިންމު ކަމެއްކަމުގައި ދެކުނީ އިޖުތިމާއީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ތަޢާރަފް ކުރެވުނު ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމް އާސަންދަ މިހާރު “ބައިސަންދަ” އަށް ބަދަލުވެފައިވާކަން ފާހަގަ ކުރައްވަމުން މިއަހަރުގެ ނޮވެމްބަރު 12 ދުވަހު އާސަންދަ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކޮށްދޭނެ ކަމަށް ވަޢުދުވެލެއްވިއެވެ
.
އެމް.ޑީ.ޕީގެ ސަރުކާރުން ވަޢުދުވީ މިރާއްޖޭގައި ހުރި 65 އަހަރުންމަތީގެ ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށްކަމަށާއި މިއަދު އެމް.ޑީ.ޕީން އުފާކުރަނީ މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމުގެ ސިޔާސަތުތަކެއް ހިންގުނީމަ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ އެމް.ޑީ.ޕީ ސިޔާސަތުގެ މައްޗައް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެމް.ޑީ.ޕީން އެންމެ ފުޅާކޮށް ހުށައަޅާ ހުށައެޅުމަކީ، ގެސްޓްހައުސް ވިޔަފާރި މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގުންކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ވިޔަފާރި ހިންގުމުގެ ސަބަބުން ރަށުގެ އާންމު ހާލަތު ރަނގަޅުވެ، ރަށުގެ އިޤްތިޞާދީ ދުވެލި ކުރިއަރައިދާނެ ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންވެސް، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަންފުޅު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިރާދަކުރެއްވިއްޔާ އެއް ބުރުން އެމްޑީޕީ ކާމިޔާބުކުރާނަންކަމަށާއި އިންތިޚާބު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ދިވެހި ރައްޔިތުންގެ ފޮނި އުންމީދުތައް ހަޤީގަތަކަށް ހައްދަވައިދެއްވުންކަމަށެވެ.
ކުރިމަތީގައި މިއޮތީ ވަރަށް އުޖާލާ ދުވަސްތަކެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރަން ރީނދޫ ކުލައިގެ ދިދައެއްގެ ހިޔަލުގެ ދަށުގައި އަނެއްދިވެހިރާއްޖެއަށް ދެވޭ ދުވަސް ވަރަށްކައިރިން އެބަ ފެންނަކަމަށެވެ.