ރާއްޖޭގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ދެގުނަވެ، އާމްދަނީ އިތުރުވެ، ރައްޔިތުންގެ ތަނަވަސްކަން އެތައް ތަނަކުން އުފުލިގެންދާނެކަމުގައި، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

raees guesthouse gan

ރާއްޖޭގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ދެގުނަވެ، އާމްދަނީ އިތުރުވެ، ރައްޔިތުންގެ ތަނަވަސްކަން އެތައް ތަނަކުން އުފުލިގެންދާނެކަމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ލާމު ގަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، މި ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވެސް ދެގުނަ ވެގެންދާނެކަމަށެވެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު މިއަށްވުރެ އެތައް ތަނަކުން ރަނގަޅުކުރެވެން އެބަ އޮތް ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލެވެން އެބަ އޮތްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިރާއްޖެއަކީ ޤުދުރަތީ މުއްސަނދިކަން ލިބިވާ ޤައުމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ތަނަވަސް ދިރިއުޅުމެއް މިރާއްޖޭގެ ރައްޔިތުންނަށް އުޅެވެން އެބަ އޮތްކަމަށެވެ. އެ ދިރިއުޅުން ރައްޔިތުންނަށް ހޯދައިނުދީ، އެ ތަނަވަސްކަން ރައްޔިތުންނަށް ގެއްލުވާލައި، ހީލަތްތެރި ރޭވުމެއްގެ ދަށުން ރައްޔިތުން ހިފަހައްޓައި، އޮބަހެއްޓުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ވިސްނުމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރު ކުރުމުގެ ފަހިކަން އެބަ އަންނާންޖެހޭކަމަށާއި އަދި އެއަރޕޯޓްތައް އުފެދި އެ އެއަރޕޯޓްތަކަށް ބައިނަލްއަޤްވާމީ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމް ފަހިވެ، އެއަރޕޯޓްތަކުން ކައިރީގައިވާ ރިސޯޓްތަކަށް ޓޫރިސްޓުންނަށް ފަސޭޙަކަމާއެކު ދެވޭނެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްވާންޖެހޭކަމުގައެވެ. އަދި 2013 ވަނަ އަހަރު ރަށްރަށުގައި އެއަރޕޯޓްތައް ހެދުމުގެ މަސައްކަތް އަނެއްކާވެސް ބާރަށް އަޅުގަނޑުމެން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމުގައި، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީވެދިއުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ހުޅުލޭ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުގައި އަނެއްކާވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ބާރަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައެވެ. އެމްޑީޕީގެ އަމާޒަކަށްވެފައި އޮތީ 2013 ވަނަ އަހަރު ނިމޭއިރު ހުޅުލޭ އެއަރޕޯޓަކީ 5 މިލިއަން މީހުންނަށް ޚިދުމަތްދެވޭ އެއަރޕޯޓަކަށް ހެދުންކަމަށާއި، ނަމަވެސް، ބަޣާވާތުގެ ސަރުކާރުން އެފުރުޞަތު އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑަށް ގެއްލުވާލާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މަސައްކަތްކުރާ ޕާޓީއެއްކަމަށާއި، މިޕާޓީގެ އަބަދުވެސް އަމާޒަކަށްވެފައި އޮތީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަދައަޅައި ބާރަށް ކުރިއަށް ގެންދިއުންކަމަށާއި އަދި އެމަސައްކަތްތަކަކީ ހަލުވިކަމާއެކު، ކުރިއަށް ގެންދާ މަސައްކަތްތަކަކަށް ހެދުންކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

މިރާއްޖޭގައި އިރާދަކުރެއްވިއްޔާ ދެންވެސް އުފެދިގެން އަންނާނީ އަނެއްކާވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްކަން ފާހަގަކުރައްވަމުން ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދިގު މުއްދަތަކަށް ޖަލަށްލުމަށް އުޅުއްވި ބޭފުޅުން ދެން ނުތިއްބަވާނެކަމަށާއި ނަމަވެސް، އެމަނިކުފާނުގެ ނަންފުޅު އިރާދަކުރެއްވިޔާ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭޙަކަމާއެކު އެއްބުރުން އެމްޑީޕީއިން ކާމިޔާބުކުރާނަންކަމަށާއި އަދި އެއިންތިޚާބު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ރައްޔިތުންގެ ފޮނި އުންމީދުތައް ހަޤީގަތަކަށް ހަދައިދިނުންކަމަށެވެ.

ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތު ލާމު ގަމުގައި ރައީސް މުޙަންމަދު ނަޝީދު މިއަދު ހަވީރު އިފްތިތާޙްކޮށްދެއްވިއިރު، ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީ އަދި 22 ރަށުގައި އެކުއެކީގައިހެން އެ ސިޔާސަތު އިފްތިތާޙްކުރުމުގެ ޙަފްލާތައް ކުރިއަށްދިއައެވެ.