ގެސްޓްހައުސް ވިޔަފާރީގެ އެމްޑީޕީގެ ސިޔާސަތު ރައީސް މުޙަންމަދު ނަޝީދު ލ.ގަމުގައި އިފްތިތާޙް ކޮށްދެއްވުމާ ގުޅޭ ހަފްލާތައް 19 އަތޮޅާއި 2 ސިޓީ ހިމެނޭ 22 ރަށެއްގައި އެއްފަހަރާ

raees gh gan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ގެސްޓްހައުސް ވިޔަފާރީގެ އެމްޑީޕީ ސިޔާސަތު މިއަދު ހަވީރު ހަތަރެއް ޖެހިއިރު ލ.ގަމުގައި ބޭއްވުނު ވަރަށް އުފާވެރި ޙަފްލާއެއްގައި އިފްތިތާޙްކޮށްދެއްވައިފިއެވެ. ލ.ގަމުގައި ބޭއްވުނު މިކުލަގަދަ ރަސްމިއްޔާތާ އެކުއެކީގައިހެން، ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީ ހިމެނޭ 22 ރަށެއްގަ އެއްފަހަރާ ބޭއްވުނު ޙަފްލާތަކެއްގައި މި ސިޔާސަތު ވަނީ ތަޢާރަފްކުރެވިފައެވެ.

ލ.އަތޮޅު ގަމުގައި ބޭއްވުނު ޙަފްލާގައި ރާއްޖޭގައި ގެސްޓްހައުސް ހިންގާ އެކި ފަރާތްޕުޅުތަކާއި ގެސްޓްހައުސް ވިޔަފާރިއާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާ ފަރާތްޕުޅުތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. މިޙަފްލާގައި ބައިވެރިންގެ މެދުގައި ބައްދަލުކޮށްލެއްވުމާއި އަދި ބައިވެރިންނާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބައްދަލުކޮށްލައްވައި މަޝްވަރާ ބަދަލުކުރައްވާފައިވެއެވެ. ގެސްޓްހައުސް ވިޔަފާރިކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙްކުރެއްވުމަށް ބޭއްވުނު އުފާވެރި ޙަފްލާއަށްފަހު ލ.އަތޮޅު ގަމުގައި ހިންގާ ގެސްޓްހައުސްތައް ބައްލަވާލެއްވުމުގެ އައިޓަމެއްވެސް ކުރިއަށްގެންދެވުނެވެ.

ގެސްޓްހައުސް ވިޔަފާރި ކުރިއަރުވައި ތަރައްޤީކުރުމަކީ އުފެދިގެންދާނެ އެމްޑީޕީ ސަރުކާރެއްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ސިޔާސަތެކެވެ.

ރާއްޖޭގެ ކުރެހުންތެރިންނާ ފަންނުވެރިންނަށް އާމްދަނީ އިތުރުކުރުމުގެ މަގުތައް ތަނަވަސްވެގެންދިއުމުގެ އިތުރުން ޓުއަރިޒަމާ ގުޅުންހުރި ޑައިވްކުރުން، މޫދު ކުޅިވަރު، ކެފޭ ރެސްޓޯރަންޓް، ވަރކްޝޮޕް ފަދަ ކަންކަމުން އިޤްތިޞާދުގެ ފައިދާ ރައްޔިތުންގެ މެދުގައި ބެހެވިގެންދާ ނިސްބަތް ބޮޑުވެގެންދާނެއެވެ. އެމްޑީޕީގެ ދަތުރުފަތުރުގެ ނިޒާމާ ގުޅުން ހުރި ސިޔާސަތުތައް އިތުރަށް ފުރިހަމަކުރެވެމުންދާއިރު އެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ބޭންކްގެ ޚިދުމަތް ސަރުކާރުން ފޯރުވައިދެއްވުމަކީ މި ސިޔާސަތުގެ ބައެއް މުޙިންމު ލަނޑުދަނޑިއެވެ.

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ ތަފާތު ނަމޫނާއެއްގެ ގޮތުގައި މެދުފަންތީގެ ޓުއަރިސްޓުންނަށް ޚާއްޞަ އަވަށެއް ލ.އަތޮޅުގައި ވަނީ އެމްޑީޕީގެ ސަރުކާރުން ތަރައްޤީ ކުރައްވަން ފައްޓަވާފައެވެ. މިކަންކަމާ ގުޅިގެން ރާއްޖޭގެ ރަށްރަށުގެ އަމިއްލަ އިޤްތިޞާދު އެތައް ގުނައެއް ކުރިއަރައި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެން ދާނެއެވެ.

ރައީސް މުޙަންމަދު ނަޝީދު ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙްކޮށްދެއްވި އުފާވެރި ޙަފްލާއާ ގުޅުވައި ބޭއްވޭ އެމްޑީޕީގެ ބޮޑު ޖަލްސާ ލާމު ގަމު ތުނޑީގައި މިރޭ ނުވައެއްޖަހާއިރު ވަރަށް ކުލަ ގަދަ ގޮތަކަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.