ކުޅުދުއްފުށިން އެމްޑީޕީގެ ޤައުމީ މުޒާހަރާގައި ބައިވެރިވާ ބައެއް މީހުން މާލެ އަތުވެއްޖެ

14 ޖުލައި 2010

fund-foshi-450-x-338

މަތި އުތުރު ޕްރޮވިންސްގެ މަރުކަޒީ ރަށް ކަމަށްވާ ހދ.ކުޅުދުއްފުށިން، އެމްޑީޕީގެ ޤައުމީ ބޮޑު މުޒާހަރާ ގައި ބައިވެރިވާ ބައެއް މީހުން މާލެ އައިސްފިއެވެ.
މިއަދު ހެނދުނު ކުޅުދުއްފުށީ ބޯޓަކުން މާލެއައި އެމްޑީޕީގެ ސަޕޯޓަރުންނަށް ޓީ ޖެޓީ ސަރަހައްދުން މަރުހަބާ ވިދާޅުވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް އާއި އެޕާޓީގެ އިސް ހަރަކާތްތެރިންނެވެ.
ކުޅުދުއްފުށިން މިއަދުގެ މުޒާހަރާގައި ބައިވެރިވުމަށް 200 އެއްހާ މީހުން މާލެ އައިސްފައިވެއެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛް މުޙައްމަދު ނަޝީދު “އަތްމަތި ދަތިވާ ފަހަރު”، ބައެއް މަހުޖަނުންގެ އަރިހުން ފައިސާއަށް އެދިލައްވާ ކަމަށް ވިދާޅުވެ އެކަމަށް އިއުތިރާފްވެފައިވާތީ، އެމަނިކުފާނަށް އެހީވުމަށް ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބެހެއްޓި ފަންޑު ފޮށި، މިއަދު އައި ކުޅުދުއްފުށީ ބޯޓުން ވަނީ މާލެ ގެނެސްފައެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މިއަދު މެންދުރު 12.30 ގައި މި ފަންޑު ފޮށި އެމަނިކުފާނާ ހަވާލުކުރާނެއެވެ.