ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް ރައީސް ނަޝީދު ލ.ގަމަށް ފުރާވަޑައިގެންފި

ލިޔުނީ: ޝަހީދާ
raees gan

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ލ.އަތޮޅު ގަމަށް ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު ގަމަށް މިވަޑައިގައިތީ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވުމަށެވެ.

ލ.އަތޮޅު ގަމުގައި މިއަދު (6 އޭޕްރީލް) ހަވީރު 4ގެ ފަހުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ގެސްޓްހައުސް ވިޔާފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު ގައުމީ ފެންވަރުގައި އިފްތިތާހްކޮށްދެއްވާ ވަގުތާ އެކުއެކީ ރާއްޖޭގެ އެހެން 20 ސަރަހައްދެއްގައިވެސް މި ސިޔާސަތު އިފްތިތާހްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލ.ގަމުގެ އިތުރުން މިއަދު ހަވީރު މި ޙަފްލާ ބާއްވާ ސަރަހައްދުތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ.

ރައީސް ނަޝީދު ގަމުގަ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވާ ވަގުތާއެކުއެކީ އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ ބޭފުޅުންނެވެ.