އެމްއެންބީސީ އާ މެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި

13 ޖުލައި 2010

c5a3c867a3dfb776552dcfc804d4937e

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑުން ރައްޔިތުންނަށް ދެއްވާ ޚިދްމަތްތައް ފުޅާކުރައްވައި، ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅު ކުރައްވައި، އެ ކުންފުނި ރީ-ބްރޭންޑް ކުރެއްވުމަށާއި، ޢާންމުންނަށް ޙިއްޞާ ވިއްކަވާ ގޮތަށް ކުންފުނީގެ މަސައްކަތްތައް އިންތިޒާމު ކުރެއްވުމަށް އެކުންފުނީގެ ބޯޑަށް ލަފާދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އެކުންފުނީގެ ހިންގުން ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. އެކުންފުނިން ދެއްވާ ޚިދްމަތްތައް އިތުރަށް ފުޅާކުރައްވައި، ރަނގަޅު ކުރެއްވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މެންބަރުން މިއަދު ވާހަކަފުޅު ދެއްކެވިއެވެ. އަދި މިބަދަލުތައް ގެނައުމަކީ ކުންފުނީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާވާނެ އަދި އެކަމުން ރައްޔިތުންނަށް އިތުރު މަންފާތައް ލިބެމުންދާނެ ކަމެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑަކީ، ޤާނޫނު ނަންބަރު 96/10 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ސަރުކާރުގެ މީޑިއާއެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިންގުން ހަރުދަނާ ކުރެއްވުމަށްޓަކައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެކެވެ. މިކުންފުނި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ 22 ޑިސެމްބަރ 2008 ގައެވެ.