ގއ.ކޮލަމާފުށިން އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ފަށައިގެން ކުރިޔަށް ގެންދާ “ދޭތިން ފަހެތި ކެމްޕެއިން” ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ގައި ކުރިޔަށް ގެންގޮސްފިއެވެ.
މި ކެމްޕެއިންގެ ދަށުން މިއަދު ކޮލަމާފުށީ ގައި ވަނީ ދޮރުން ދޮރަށް ކެމްޕެއިންކޮށް ދޭތިން ފަހެތި ކެމްޕެއިން ބައްދަލުވުމުގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް މިއަދު ހަވީރު ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު (ސްކައި) ގެ އިޖްތިމާއީ މަރުކަޒުގައި ބާއްވާފައެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި، މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އެމްޑީޕީ ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ.އައިމިނަތު ޖަމީލް އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އެވެ.
މި ބައްދަލުވުމުގައި، ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ގިނަގުނަ ތަރައްގީ ހޯއްދަވައިދެއްވި އަދި އޯގާތެރި ހެޔޮވެރިކަމެއް ކޮށްދެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙަންމަދު ނަޝީދު އިތުރު ދައުރަކަށް ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބުކުރުމުގެ މުހިންމު ކަމުގެ މައްޗަށް މެޓްރިކްސް މޯޑް ބައްލަވާލެއްވިއެވެ. މީގެ އިތުރުން، އޭނާގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ ނަންފުޅު ވޯޓޫ ކަރުދާހުގައި އޮންނާނޭ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ނަންފުޅު ނެތް ރިޔާސީ އިންތިޚާބެއް މި ރަށުގައި ނުބޭއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު ލިބިވަޑައިގެންފި ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ދޭތިން ފަހެތި ކެމްޕެއިން ގައި ކޮލަމާފުށިން އާދަޔާ ޚިލާފް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވައި، ކޮލަމާފުށީގައި އެމްޑީޕީގެ ރޫހު މިހާރަށް ވުރެ ވެސް އިތުރަށް އާލާކުރެވިދާނޭ ކަމަށާއި، އެކަމަށް މަސައްކަތްކޮށްދެއްވުމަށް މެޓްރިކްސް މޯޑް ގޮވާލެއްވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ގެސްޓް ހައުސް ސިޔާސަތާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ގެސްޓް ހައުސް ސިޔާސަތު ހާމަކުރުމަށް އަތޮޅު ފެންވަރުގައި ހޮނޮހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ކޮލަމާފުށިން ވީހާވެސް ގިނަ ބަޔަކު ދިއުމަށް ދައުވަތުދެއްވިއެވެ.
ދޭތިން ފަހެތި ކެމްޕެއިން ދަތުރުގައި ކޮލަމާފުއްޓަށް ޒިޔާރަތްކުރި ވަފްދުގައި އެމްޑީޕީގެ ގެމަނަފުށީ ދާއިރާގެ ރައީސް އަބްދުﷲ އަފީފް އާއި، އެމްޑީޕީ ސަރުކާރުގެ މަތި ދެކުނު ޕްރޮވިންސްގެ ނައިބު މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ޓީމް ކޮލަމާފުށިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.