އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ގެސްޓްހައުސް ކުރިއެރުވުމުގެ ސިޔާސަތު ތަޢާރަފް ކުރެވިގެންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއްފަހަރާ ކަމަށާ އެމްޑީޕީ ގެ ރިޔާސީ ކެމްޕެއިން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިތުރު ފޯރިއާޢިއެކު ކުރިއަށްދާނެކަމުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސެކެޓޭރިއަޓުގައި މިއަދު ހެނދުނު ބޭއްވި ޕްރެސްކޮންފަރެންސްއެއްގައި މޫސަ ވިދާޅުވީ އޭޕްރިލް 6 ވާ ހޮނިހިރު ދުވަހު ލ.އަތޮޅުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައި ގެސްޓްހައުސް ވިޔާފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ޕާޓީ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ގައުމީ ފެންވަރުގައި އިފްތިތާހްކޮށްދެއްވާނެ ކަމަށާއި ހަމަ އެދުވަހު، އެވަގުތުގެ ގާތްގަނޑަކަށް 15 މިނެޓް ފަހުން ރާއްޖޭގެ 20 އެހެން ސަރަހައްދެއްގައި، (ރާއްޖޭގެ ހުރިހާ އަތޮޅެއްގައާއި މާލޭގައި) އެއްފަހަރާ ބޭއްވޭ ހަފްލާތަކެއްގައި ގެސްޓްހައުސް ސިޔާސަތު އިފްތިތާހްކުރެވިގެން ދާނެ ކަމުގައެވެ.
“އެމްޑީޕީ މެނިފެސްޓޯ ތަޢާރަފް ކުރެވޭނީ އެގޮތަށް، މުހިންމު ސިޔާސަތުތައް އިފްތިތާހްކުރެވޭނީ މުޅިރާއްޖޭގަ އެއްފަހަރާ، އަދި އެފަދަ ހަތެއް ނުވަތަ އަށް ބުރުން މި ސިޔާސަތުތައް އިފްތިތާޙް ކުރެވޭނީ. އަދި މުޅި މެނިފެސްޓޯ އެގޮތަށް އެކުލަވާލެވިގެން ގައުމީ ފެންވަރުގައި ތަޢާރަފް ކުރެވޭނެ ކަމުގައި މޫސަ ވިދާޅުވިއެވެ. “އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި އިސް ސަފުގައި ތިއްބަވާނީ އެމްޑީޕީ ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެމްބަރުން. އެބޭފުޅުން އެތިއްބެވީ އެކި ސަރަހައްދާއި ހަވާލުވެވަޑައިގެން. އެބޭފުޅުންނަށް މަރުކަޒީ ގޮތެއްގައި 19 ބޭފުޅުންގެ ޓީމަކުން އެހީތެރިވެދެއްވާނެ” މޫސަ ވިދާޅުވިއެވެ.
މި ހަފްތާ ބަންދުގައި ކުރިއަށްދާ މި ދަތުރުތަކުގައިވެސް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕޭން މަސައްކަތް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމޖެހިފައެވެ. އަދި އެމްޑީޕީގެ ގެސްޓްހައުސް ކުރިއެރުވުމުގެ ސިޔާސަތު މުޅި ރާއްޖޭގައި އިފްތިތާހް ކުރުމުގެ ރަސްމިޔާތު ބޭއްވުމުގެ މަސައްކަތް އިންތިޒާމު ކުރުމަށް އިއްޔެއިން ފެށިގެން އެމްޑީޕީގެ ޓީމްތައް ވަނީ ރާއްޖޭގެ އެކި ސަރަހައްދަށް ދަތުރުތައް ފަށާފައެވެ.