ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު ކޮމެޓީން މަޖިލީހަށް ފޮނުވިގޮތަށް ފާސްކޮށްފި

13 ޖުލައި 2010

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލުގެ ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތްކުރުމަށް ހުށަހެޅުމުން ކޮމިޓީއިން އެބިލު މަޖިލީހަށް ހުށަހެޅިގޮތަށް ފާސްކޮށްފިއެވެ.

އިއްޔެގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް މާލިއްޔަތު ކޮމިޓީން ހުށަހެޅުއްވި ރިޕޯޓުގައި ވާނަންފުޅުތަކުގެ ތެރެއިން، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 9 ނަންފުޅެއްވަނީ މަޖިލީހުން ފާސްކުރައްވައިފައެވެ.

29 ޖޫން 2010 ވީ އަންގާރަ ދުވަހުގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިޔުސްކޮންފަރެންސެއްގައި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އެއްގޮތަކަށްވެސް ނުލިބޭތީކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ޢަމަލު ކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީގެ ރޫހާ ހިލާފަށްކަމަށާއި، އަދި ޤާނޫނުއަސާސީގެ މާއްދާތަކާ ޚިލާފަށް ކަމަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިސްތިއުފާ ސިޓީފުޅުގައި ވިދާޅުވެފައިވާތީ، މިކަމަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދޭ އިމްތިޔާޒުތަކާއި މެންބަރުންގެ އަބުރުފުޅާ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ބެހިވަޑައިގެންފައިވާ މައްސަލައަކަށްވާތީ، މަޖިލީހުގެ ޤަވައިދުގެ 153 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި 154 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ޤަވާއިދުގެ 157 ވަނަ މާއްދާގެ (ހ)ގެ ދަށުން މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ އިޢްޒަތްތެރި މެންބަރު އަހުމަދު މަޚްލޫފު ވަނީ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފައެވެ. މި މައްސަލައަށް ބަހުސް ކުރެއްވުމަށް މަޖިލީހުން ފާސްކުރައްވައި، ބަހުސް ކުރެއްވުމަށްފަހު މިމައްސަލަވަނީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް އިތުރަށް ދިރާސާކުރުމަށް ފޮނުއްވައިފައެވެ.

އިއްޔެގެ ޖަލްސާގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލްއާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްއާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް ފޮނުވުނު ކޮމިޓީގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވުމަށްފަހު ރިޕޯޓްގެ ބަހުސް ނިންމަވާލައްވާ އެނަންފުޅުތަކަށް ވޯޓަށްއެހުމަށްވަނީ ތައްޔާރުވެފައެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)އަށް އިސްލާހުގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާވެސް އިއްޔެގެ ޖަލްސާގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

73 މެންބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.