ތަރައްޤީ ލިބެން އޮތީ އެމްޑީޕީއާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

dheythin fahethi thulusdhoo dhaairaa 020413 (43)

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރޭ މާލެ އަތޮޅު ތުލުސްތޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތުލުސްދޫއަކީ އެއަރޕޯޓާ ގާތުގައި އޮތް ރަށަކަށްވެފައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ފުރުޞަތުތައް ފުޅާވެފައިވާ އަދި އެކަމުގެ ފައިދާ މުޅި ރާއްޖެއަށް ލިބި، އެރަށަކީ ތަރައްޤީވެފައިވާ ރަށެއްކަމުގައިވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ތުލުސްދޫއަކީ ތަނަވަސް މުސްތަޤްބަލެއް އޮތް ރަށެއްކަން ފާހަގަކުރައްވަމުން، އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް އެޅުމުގެ މަސައްކަތް އެންމެ ބާރަށް ހިންގޭނެ އެއް ރަށަކަށް ތުލުސްދޫވެގެންދާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދެހާސްތޭރަވަނަ ވަނަ އަހަރު އެމްޑީޕީއިން އިރާދަކުރެއްވިއްޔާ ސަރުކާރާ ހަވާލުވެ، ޖެހިގެން އަންނަ ދެހާސް ސާދަ ވަނަ އަހަރުގެ ތެރޭގައި މާލެ އަތޮޅު ތުލުސްދޫގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރު މިރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރިކުރަމުން އައިއިރު ތުލުސްދޫ ވަށައިގެންވެސް ޓުއަރިސްޓް ރިސޯޓްތައް ހެދިފައި ހުރިއިރު، މިރަށުގައި ނަރުދަމާއެއްވެސް، ރަށު ސްކޫލްގައި އޭލެވެލްއަށް ކިޔަވައިދެވޭނެ ގޮތެއްވެސް، ރަށުގެ ހެލްތް ސެންޓަރުގައި ބޭސްކުރެވޭނެ ގޮތެއްވެސް ނެތްކަމަށާއި އަދި މިރަށުން ފުރައިގެން އެހެން ރަށަކަށް ދެވޭނެ ގޮތެއްވެސް މިވީ ދާދި މިދާކަށް ދުވަހުކަމަށެވެ. އަދި މި ރަށުގެ އާންމު ޙާލަތު އޮތީ ޖެހިގެން އޮތް ޓުއަރިސްޓް ރިސޯޓާ އަޅާ ބަލާއިރު ވަރަށް ދެރަވަރު ނިކަމެތި ޙާލަތެއްގައިކަމަށާއި، އަޅުގަނޑުމެން މިރާއްޖެ ތަރައްޤީކުރުމަށްޓަކައި ޓޫރިޒަމްގެ ވިޔަފާރީގެ މުއްސަނދިކަމާއި ތަނަވަސްކަން ސީދާ ރަށްރަށަށް އެބަ ލިބެންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ ތަނަވަސްކަން ރަށްރަށަށް ސީދާ ގެނައުމަށްޓަކައި މި ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެވޭތޯ ބެލުމަކީ ހުރިހާ ރައްޔިތުންނަށްވެސް ފައިދާ ހުރި ގޮތްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގެސްޓްހައުސްގެ ވިޔަފާރި ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަކީ ކުރިއަށް އުފެދޭނެ އެމްޑީޕީގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށްޓަކައި ސަރުކާރުން ކޮންމެހެން ހިންގާންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށާއި ވަކިން ޙާއްސަ ގޮތެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމާއި އަދި ކުނިނައްތާލުމުގެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމާއި މަދަރުސާއާއި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވާންޖެހޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ނުކޮށް މިރަށްރަށުގައި ހިންގާ ޓުއަރިޒަމްގެ ވިޔަފާރި ހިންގުމަކީ ވަރަށްވެސް ދަތިކަމަކަށްވާނެކަމަށާއި އަދި އެކަމުގެ ސަބަބުން އެ ވިޔަފާރި ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެގެން އަންނާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލައަކަށްވެގެންދާނީ މިރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ނަރުދަމާގެ ނިޒާމު ޤާއިމްކުރާނީ ކިހިނެތްކަމާ މެދު އުފެދޭނެ ސުވާލުކަމަށާއި އަދި އެކަން ކުރާނެ ގޮތުގެ ވިސްނުން އަޅުގަނޑުމެންގެ ކިބައިގައި އެބަ ހުރިތޯ ކުރެވޭނެކަމުގެ ސުވާލުކަމަށެވެ. ރަށެއްގައި ނަރުދާމާގެ ނިޒާމެއް ޤާއިމްކުރުމަށް ގާތްގަނޑަކަށް ހަތްދިހަ ވަރަކަށް މިލިއަން ރުފިޔާ އެބަ ހަރަދުވާކަމަށާއި އެ ހަރަދު ދައުލަތުގެ ބަޖެޓުން ކުރަންވެއްޖެނަމަ ރާއްޖޭގެ ތަރައްޤީގެ ދުވެލި ވަރަށް ބޮޑުތަނުން މަޑުޖެހިގެންދާނެކަމަށާއި އެފަދަ ހަރަދެއް ދައުލަތުގެ ބަޖެޓުން ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ ކުރިއަރަމުން އަންނަ އެހެންވެސް ޤައުމުތަކުގައި އާންމު ޙިދުމަތްތައް ދިނުމަށް ގެންގުޅެނީ ސަރުކާރާ އާންމު ފަރާތްތައް ބައިވެރިވެގެން އުފައްދާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް މެދުވެރިކޮށްގެންކަމަށާއި، އެމްޑީޕީގެ ފިކުރަކީވެސް އެ ޚިދުމަތްތައް އެ އުޞޫލުގެ ދަށުން ދިނުންކަމަށެވެ.
އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ގެސްޓްހައުސްގެ ވިޔަފާރީގެ ސަބަބުން ރާއްޖޭގެ އެނދުގެ ނިސްބަތް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ދެގުނަ ވެގެންދާނެތަން ކަމަށާއި އެކަން އެގޮތަށްވުމަށް ހުޅުލޭ އެއަރޕޯޓް ތަރައްޤީވާން ކޮންމެހެންވެސް ބޭނުންކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ހުޅުލޭ އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމީ ބޭރުގެ ފަރާތަކާ ގުޅިގެން ކަމަށާއި ނަމަވެސް ހިތާމައަކީ މިއަދު އެކަން ހުއްޓިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް މި އޮތް ތިން ވަރަކަށް އަހަރު ދުވަހު ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މިރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ރަނގަޅު ފިލާވަޅެއް ލިބެންޖެހޭނެކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ މުޙިންމު ފިލާވަޅަކީ ވަޒީރުންގެ މަޖްލިސް ސިޔާސީ ތަފާތު ފަރާތްތަކަށް ބަހާލައިގެން ތަރައްޤީއެއް ނުލިބޭނެކަން ކަމަށެވެ. އެކި ވަޒީރުންނަކީ ތަފާތު ސިޔާސީ ލީޑަރުންނަށް ބައިޢަތު ހިއްޕަވައިގެން ތިއްބެވި ބޭފުޅުންނަށްވެއްޖެނަމަ، މިރާއްޖެއަށް ތަރައްޤީއެއް ނުލިބޭނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ސަރުކާރެއްވެސް ނުހިންގޭނެކަމަށާއި އަދި ތަރައްޤީގެ މަޝްރޫޢެއްވެސް ނުހިންގޭނެކަމަށެވެ. ބޭނުންވަނީ އެކީގައި އޮންނަ ވަރުގަދަ އެއް ސަރުކާރުކަމަށާއި، އިއްތިޙާދޭ ކިޔައިގެން ދައްކަމުން ގެންދާ ވާހަކަތަކަކީ ތަރައްޤީގެ ބޭނުމުގައި ދައްކަމުން ގެންދާ ވާހަކަތަކެއްގެ ގޮތުގައި އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާކަމަށްވެސް، ރައީސް ވިދާޅުވިއެވެ. އޭގެ މާނައަކީ، އެމްޑީޕީއިން އެހެން ބޭފުޅުންނާ ބައިވެރިނުވާނެ ވާހަކަ ނޫންކަމަށާއި، ނަމަވެސް ތަރައްޤީ ބޭނުންނަމަ، ރަނގަޅު އެއް ވެރިއަކު ހޯއްދަވަންޖެހޭނެކަމަށާއި އަދި އެ ބޭފުޅެއްގެ ފަހަތްޕުޅަށް ސާފުކޮށް ފަސް އަހަރު އަރުއްވަންޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންނަށް ތަރައްޤީ ލިބެނީ އޭރުންކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހާލަތަށް ބަލާއިރު ރައްޔިތުންނަށް ތަރައްޤީ ލިބެން އޮތީ ހަމައެކަނި އެމްޑީޕީއާ ގުޅިވަޑައިގެން އެންމެ އެކީގައި އެމްޑީޕީއަށް ވޯޓް ދެއްވައިގެންކަމަށާއި އަދި ތުލުސްދޫގެ ރައްޔިތުންނާ އަދި މުޅި ރާއްޖޭގެ ރައްޔިތުންވެސް އެމްޑީޕީއަށް ވޯޓް ދެއްވާނެކަމާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު ނުހިނގާކަމަށެވެ.

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން އިއްޔެ ތުލުސްދޫގެ އިތުރުން، މާލެ އަތޮޅު ހުރައަށާއި އަދި ދިއްފުށްޓަށްވެސް ރައީސް ނަޝީދު ވަޑައިގެންނެވިއެވެ. އެތިން ރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ނަޝީދު މިހާރު ވަނީ މާލެ ވަޑައިގަންނަވާފައެވެ.