ރައީސް ނަޝީދު ހުރާއަށް ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު މާލެ އަތޮޅު ހުރާއަށް ވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރެއްގައި އެމަނިކުފާނު ހުރާއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހުރާއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ، ހުރާގައި އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ވަރކްޝޮޕް ހިންގާ ފަރާތްތަކާއި ބައްދަލުކުރައްވައި، އެމްޑީޕީން މި އިންތިޚާބް ކާމިޔާބު ކުރެއްވުމުގެ މުހިއްމުކަން ވިދާޅުވެފައެވެ. އަދި ރިޔާސީ ކެމްޕެއިން އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށް އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރުއަދާ ކުރައްވާ، ހިތްހަވަރުދެއްވާފައި ވެސް ވެއެވެ.

މި ދަތުރުގައި މިއަދު މެންދުރު 14:00 ރައީސް ވަޑައިގަންނަވާނީ ކ. ދިއްފުށްޓަށެވެ.