ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓް ބެންޗުގެ މައްސަލަ ބަލައި ނިމެންދެން މެދުކަނޑާލުމަށް މިއަދު ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި

raeescourt

ހުޅުމާލޭ ކޯޓް ބެންޗުގެ މައްސަލަ ބަލައި ނިމެންދެން ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތް މެދުކަނޑާލުމަށް މިއަދު ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. ހައި ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ އެ މައްސަލައިގައި ހައި ކޯޓުން ވަކިގޮތެއް އަންގަންދެން ހުޅުމާލޭ ކޯޓުގައި ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުކުރަންޖެހޭ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން އެކަމުގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ނުވަތަ ވަކި އެއްޗެއް އަންގަންދެން ހުޅުމާލޭ ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދަން އަންގައި އަމުރުކުރާ ކަމަށް އިސް ފަނޑިޔާރު އަހުމަދު ޝަރީފް ސޮއި ކުރައްވައި ނެރުއްވި އެ އަމުރުގައިވެއެވެ.

ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީޢަތް ފަސްކޮށްދެއްވުން އެދިވަޑައިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ރައީސް ނަޝީދު ހުށަހެޅުއްވި އިލްތިމާސްއާ މެދު 6 މާރޗް 2013 ދުވަހު އެކޯޓުން ނިންމީ ހަތަރު ހަފްތާއަށްފަހު ޝަރީޢަތްކުރިއަށް ގެންދިއުމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދައުވާކުރައްވާ ފަރާތްޕުޅުން އެ ޝަރީޢަތް ރިޔާސީ އިންތިޚާބަށްވުރެ ފަސްކޮށްލެއްވުމާ މެދު އިޢުތިރާޟް ނުކުރައްވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އޭރު އެ ނިންމަވާފައިވަނީ ރައީސް ނަޝީދު ކުރެއްވި އިލްތިމާސްއާއި ދެކޮޅަށެވެ.

2013 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ނިމެންދެން ރައީސް ނަޝީދުގެ ޝަރީޢަތާ ގުޅޭ ކަންކަން ފަސްކޮށްދެއްވުމަށް އެމަނިކުފާނު ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ “ބެލެނިވެރިކަމުގެ އިޙްތިޞާޞްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ޤަވައިދު” ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދޭ އިޙްތިޞާޞްއަށް ރިޢާޔަތްކުރައްވައެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވެސް ދަނީ ބަލަމުންނެވެ.