ރަށުގެ ކަރަންޓްގެ މައްސަލާގައި ހިތްހަމަ ނުޖެހި މ. ކޮޅުފުށި ރައްޔިތުން އިހްތިޖާޖް ކުރަނީ

މ. ކޮޅުފުށިގައި ރޭއްސުރެން ކަރަންޓްގެ ޙިދްމަތް ކަޑާލުމާ އަދި މިހާތަނަށް ރައްޔިތުންގެ އެހީގައި ރަށުގާ ދެމުން ގެންދިޔަ ކަރަންޓްގެ ޙިދްމަތް ރައްޔިތުންނާ މަޝްވަރާ ކުރުމެއްނެތި ބަޔަކާ ހަވާލު ކުރިކަަަމަށް ބުނެ ކޮޅުފުށީ ރައްޔިތުން އެކަމާ އިޙްތިޖާޖް ކުރަމުން އެބަދެއެވެ.
ކޮޅުފުށިން މުޙައްމަދު މަޖްދީ މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ބަހައްޓާފަ ހުރި ރައްޔިތުންގެ ކަރަންޓް “ފެނަކާ” ކުންފުންޏާ ހަވާލު ކުރި އިރު ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ބަޖެޓްގާ ހުރީ ކިހާ ފައިސާއެއްކަމެއްވެސް ސާފުކޮށް ނުދީ ރައްޔިތުންގެ އެހީގައި ދެމުން ގެންދިޔަ ކަރަންޓްގެ ޙިދްމަތް އެހެން ބަޔަކާ ހަވާލު ކުރިއިރު ރައްޔިތުންނަށް ވާނީ ކޮން ފައިދާއެއްތޯވެސް ބުނެ ނުދީ އެއްވެސް މައުލޫމާތެއް ސާފުކޮށް ނުދިނުމުގެ ސަބަބުން ރަށުގެ ބައެއް ރައްޔިތުން މިކަމާ ނުރުހުން ފާޅުކޮށް އިޙްތިޖާޖް ކުރިޔަށް ގެންދަނީ ކަމަށެވެ.

އަދި މިކަންކަން މިހެން ހިންގުމުން ރައްޔިތުން ބޭނުންވަނީ ކައުންސިލަރުންނާ ބައްދަލުކޮށް މި ހުރިހާ މައުލޫމާތު ސާފު ކުރަން ކަމަށެވެ. ނަމަވެސް ރޭގެ ވަގުތުގައި ކައުންސިލްއާ ބައްދަލުކުރަން ދިޔުމުން، މިއަދު 10:30ގަ އަންނާށޭ ބުނެ މިއަދު ދިއުމުންވެސް ކައުންސިލްގެ ރައީސް އަދި ނައިބު ރައީސްވެސް ނެތްކަމަށް ބުނެ ރައްޔިތުންނާ ބައްދަލުކުރުން އުޒުރުދައްކާކަމަށް މަޖްދީ އިތުރަށް ވިދާޅުވިއެވެ.

މިއަދުގެ މި އިޙްތިޖާޖް ކުރިޔަށް ގެންދާއިރު މިހާރު ރަށުގެ ބައެއް ރައްޔިތުން ނިކުމެ ކައުންސިލް އިދާރާގައި ވަނީ ތަޅު އަޅުވާފައެވެ. އަދި ކައުންސިލަރުންނާ ބައްދަލުވަންދެން އިޙްތިޖާޖްތައް ކުރިޔަށް ގެންދާނެކަމަށްވެސް މަޖްދީ ވިދާޅުވިއެވެ.