ބަޣާވާތަކުން ޕޮލިސް ކޮމިޝަނަރކަމާއި ޙަވާލުވެހުރި ޢަބްދުﷲ ރިޔާޒް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރާދައްވާ ފަސްކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރޭ ބަޔާން

ޢަބްދުﷲ ރިޔާޒް އާއި ދިމާއަށް ރައީސް މުޙައްމަދު ނަޝީދު ބާޣީ އެވިދާޅުވެގެން ރައީސް ނަޝީދުގެ މައްޗަށް ޢަބްދުﷲ ރިޔާޒް ކުރާ އަބުރުގެ ދަޢްވާގެ ޝަރިއްޔަތް މިއަދުވެސް ކެންސެލް ކުރައްވާފައިވާތީ ރައީސް ނަޝީދު ހިތާމަކުރައްވައެވެ.

“އަޅުގަނޑުމެންނަށް މިފެންނަނީ ޢަބްދުﷲ ރިޔާޒް އަކީ މުޖްތަމަޢުގައި އަބުރުވެރި މީހެއްކަމަށާއި އޭނާއަކީ ބާޣީ އެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އޭނާގެ އަބުރަށް ގެއްލުމެއް ލިބިފައިވާކަމަށް އޭނާއަށް ސާބިތުކޮށްދެވެން ނެތީމަ އޭނާ ޝަރިޔަތް ކުރިއަށްގެންދަން ފަހަށްޖެހޭތަން” ރައީސް ނަޝީދުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ޢަބްދުﷲ ރިޔާޒްއަކީ ބާޣީއެއްކަން ރައްޔިތުންގެ މަޖިލީސްގެ ސަރުކާރު މަޞްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އެކި ބޭފުޅުން ދެއްވާފައިވާ ބަޔާންތަކުން ހަމައެކަނިވެސް ސާބިތުވާކަމަށެވެ. އަދި މީގެ އިތުރުންވެސް ޢަބްދުﷲ ރިޔާޒް އަކީ ބާޣީއެއްކަން ދައްކުވައިދޭ އެތައް ސާބިތު ހެއްކާއި ޤަރީނާ އެބަހުރިކަމާއި ޢަބްދުﷲ ރިޔާޒަކީ ބާޣީއެއްކަން ސިވިލް ކޯޓުގައި މިނިވަން އިންސާފުވެރި ޝަރިޔަތެއް ކުރެވިއްޖެނަމަ ފަސޭހަކަމާއިއެކު ސާބިތު ވާނޭކަމަށް ރައީސް މުޙައްމަދު ނަޝީދު ޤަބޫލުފުޅު ކުރައްވާކަމަށެވެ.

ޢަބްދުﷲ ރިޔާޒްއަކީ ބާޣީއެއްކަމަށް ސާބިތުކޮށްދެއްވުމަށް ރައީސް ނަޝީދު ހުންނެވީ ކެތްމަދުވެފައެވެ. އަދި، ޢަބްދުﷲ ރިޔާޒް އަކީ ބާޣީއެއްކަން ސާބިތުކޮށްދިނުމަށްޓަކައި މިޝަރިއްޔަތުގައި ހެކިބަސްދޭން ތައްޔާރަށް ތިބި އެތައް ސަތޭކަ ބައެއް އެބަތިބިކަމަށާއި މިޝަރިޔަތް ކެންސަލް ކުރަމުންދާތީ އެކަމާއި މިމީސްމީހުންނާއި ޢާއްމު ރައްޔިތުންގެ ޝަކްވާ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި، މިޝަރިޔަތް ތަކުރާރުކޮށް ފަސްކުރެވެމުންދާތީ އެކަމާ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ކަންބޮޑުވުން ފާޅުކުރެއެވެ.