ރާއްޖޭގެ އެކިކަންކޮޅުގައި މިއަދު ކުރިއަށް ގެންދެވުނު ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީ ގައި ވޯޓުގެ %63 ކާމިޔާބު ކުރައްވައިގެން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މަގާމް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އޮނަރަބްލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހާޞިލްކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މިޕާޓީން މަރުހަބާ ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޮނަރަބްލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ވާދަކުރެއްވުމުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދިއުމަށް މަގުފަހިވާނެ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާތީ އަލްފާޟިލް ޢުމަރު ނަޞީރަށްވެސް މިފުރުޞަތުގައި މިޕާޓީގެ ފަރާތުން ހިތްވަރުދެމެވެ.
ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބޭއްވެމުންދިއުމާއި، އެ ޕާޓީއެއްގެ އެކިގުނަވަނާއި މެމްބަރުންގެ މެދުގައި ޑިމޮކްރެޓިކް ހަރަކާތްތައް ހިންގެވުމަކީ، ދިވެހި ރާއްޖޭގެ މި ފަހުގެ ތާރީޚްގައި ފުރަތަމައަށް އުފެދިގެންއައި ސިޔާސީ ޕާޓީގެ ހައިޞިއްޔަތުންނާއިއެކު، އެމްޑީޕީން މަރުހަބާކިޔާ ކަންކަމެވެ.
ގައުމެއްގައި ބޭއްވޭ އިންތިހާބުތަކުގެ އިންޞާފުވެރިކަމާއި މިނިވަންކަމާއި ހަމަހަމަކަން ވެގެންގޮސްފައި ހުންނަނީ އެގައުމެއްގެ ފާގަތިކަމާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ބަދަހި ކަމާއި އަދި ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓޭކަމުގެ ހެޔޮ ރަމްޒުތަކަކަށެވެ. އިންތިޚާބުތަކުގައި ވޯޓުދެވިގެން ނަތީޖާ ގަބޫލުކުރެވުމަކީ ކާމިޔާބު ސިޔާސީ ނިޒާމެއްގެ އެންމެވަރުގަދަ އަސާސްއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް މެދުވެރިކުރެވިފައި ހުރި ސިޔާސީ ތުހުމަތުތަކެއްގެ ގާނޫނީ ދުއްތުރާތަކާއި ހުރަސްތައް ދެމެހެއްޓެވުމާއި ދެކޮޅަށް ސީދާ އިންތިޚާބުގައި ގުނޭ ވޯޓުގެ ޢަދަދުން ކާމިޔާބީ ހޯއްދެވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކަންދެއްވާނެކަމުގައި މިޕާޓީން ދެކެމެވެ.
މޫސާ މަނިކު، ޗެއަރޕާސަން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ